ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، އެޕާޓީ އުވާލައިފިއެވެ.

އީސީ އިން އެގޮތަށް ނިންމީ މެންބަރުން ހަމަ ކުރުމަށް ދިން މުއްދަތުގައި ވެސް އެ އަދަދަށް މީހުން ހަމަ ކޮށްފައި ނުވާތީއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ސިޔާސީޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، ދިން ފުރުސަތުގައި އެ އަދަދަށް ޑީއާރްޕީ އަށް މެންބަރުން ހަމަ ނުކުރެވުމުން އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އެ ދަރަންޏަކަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމަށް ވެސް އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ.

ޑީއާރްޕީގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ވެސް އީސީ އިން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް އުވާލައިފައެވެ.
ޑީއާރްޕީ އުފެދުނު ގޮތާއި ފަހުން ޕާޓީގެ ލީޑާޝިޕަށް ވަޑައިގެން ބޭފުޅުން
ރާއްޖޭގައި ދެވަނަ އަށް ރަޖިސްޓްރީކުރި ޑީއާރްޕީ އަކީ 2005ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އަދި އެޕާޓީ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011ވަނަ އަހަރު ޑީއާރްޕީގެ އެތެރޭގައި މައްސަލަތަކެއް ޖެހި ޕާޓީ ދެ ބަޔަކަށް ބެހުނެވެ. އެގޮތުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން “ޒެޑް ފެކްޝަން” ނަމުގައި ފެކްޝަނެއް އުފައްދައިގެން މަސައްކަތް ފެއްޓިއެވެ. އެ ހިޔާލު ތަފާތުވުންތަކާއެކު ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން އައު ޕާޓީއެއް އުފެއްދުމުން ޑީއާރްޕީގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ވަކިވެ ޕީޕީއެމްއާ ގުޅުނެވެ.

އެއަށްފަހު ޑީއާރްޕީ ހިންގަމުން ގެންދެވީ ތަސްމީ އަލީގެ ލީޑާޝިޕުގައެވެ. 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ރަނިން މޭޓެއްގެ ގޮތުގައި ތަސްމީނު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީގެ ލީޑާޝިޕް އެއްކޮށް ކަހަލަ ގޮތަކަށް އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

ތަސްމީނު ޑީއާރްޕީ ދޫކޮށްލެއްވުމުން ދެން އެޕާޓީ ހިންގުމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އަދި މިހާރު އެޕާޓީގެ ލީޑު ކުރައްވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.