ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބޭފުޅުން މަގާމުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ގޮވާލައިފިއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން އެގޮތަށް ގޮވާލެއްވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ނިކުތުމަށް ނިންމާފައި ވާތީއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ވަނީ ޖޭޕީން ވަކިން ރިޔާސީ އިންތިހާބަށް ނިކުންނަން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. އެއާއެކު އޭނާ ވަނީ ސަރުކާރު ކޯލިޝަންގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އެއީކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބަޔަކަށް، ރައީސުލްޖުމްހޫރިއްޔާ އަށް ވާދަކުރާ އެޕާޓީގެ [ޖޭޕީގެ] ކެންޑިޑޭޓެއް ހުރެމެ، ކިހިނެއްތޯއޭ އެބޭފުޅުންނާއި ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ. މިއީ އަޅުގަނޑު މަސްލަހަތަށްޓަކައި ދަންނަވާ ވާހަކައެއް. އެބޭފުޅުންގެ ހައްގެއް ވާދަ ކުރުމަކީ [ރިޔާސީ އިންތިހާބުގައި]. އެހެންނަމަވެސް ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވާދަވެރި ޕާޓީގެ މެންބަރުންތަކެއް މިނިސްޓަރުންނާއި އެނޫން ކަންކަމުގައި ތިބެގެން ނުވާނެ،" ސަނީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހުލާގީ މިންގަނޑަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުން ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ އެމޭރުމުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއީ ވަނީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓުތަކުގައި ތިބި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.

"ނުދީފި ކަމަށްވަންޏާ އަޅުގަނޑުމެން މި ސަރުކާރުގެ ތެރެއިން އެކަން ކުރުވާނަން. މިއޮއް ހުރިހާ ދުވަހަކު ސަރުކާރުން ބޮޑު ޕޯޝަންއެއް ދީ މިތާ ތިބި މެންބަރުން އެއްޗެކޭ ނުބުނެ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދޯކާ ދީފައި، އެގޮތަކަށް އެކަމެއް ނުކުރެވޭނެ،" ރާއީ ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަ ކުރުމަށް އެޕާޓީގެ ކައުންސިލުން ފާސްކުރީ އިއްޔެއެވެ.

އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުކަން ވެސް އެޕާޓީގެ ލީޑަރު ގާސިމަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރުވެސް ޖޭޕީގެ ކައުންސިލުން ވަނީ ދީފައެވެ.

ޖޭޕީން އެ ނިންމުން ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހު ވަނީ ގާސިމަށް ދެއްވައިފައެވެ. އަދި ރައީސްގެ ފަރާތްޕުޅުން ބައެއް މަންދޫބުން ވެސް އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ގާސިމް އަރިހަށް މީގެކުރިން ވަޑައިގެންފައި ވެސް އެބަ ހުއްޓެވެ.

އަދި ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިއްސާ ކުރައްވާފައެއް ނުވެއެވެ.