މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ 51 ޕަސެންޓަށްވުރެ މަތިން ކަމަށް އެމްޑީޕީއާއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީއާ އަދި އެޕާޓީއާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ، ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރައްވާނީ 51.2 ޕަސެންޓުން ކަމަށެވެ.

އިމްރާން އެފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމާފައި ވަނިކޮށެވެ.

އެ ނިންމުން ޖޭޕީ އިން ނިންމުމުގެ ކުރިން ރައީސް ސޯލިހްގެ ފަރާތްޕުޅުން އެކި މަންދޫބުން ގާސިމްގެ އަރިހަށް ފޮނުއްވިއެވެ. އެއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށެވެ.

ގާސިމްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިމްރާންވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބައްދަލުވުމަށްފަހު އިމްރާން ވަނީ ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.