ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން، ތޯޝަޚާނާ މައްސަލާގައި ހައްޔަރުކުރަން ފުލުހުންގެ ޓީމެއް އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅަށް ދިޔައެވެ. ކޯޓު އަމުރެއްގެ ދަށުން އިމްރާން ހައްޔަރުކުރަން ދިޔަ ފުލުހުންގެ ޓީމަށް ހުރަސް އެޅީ އެތައް ސަތޭކެއްހާ ސަޕޯޓަރުންނެވެ. އިމްރާން ހާން ހައްޔަރުކޮށްފިނަމަ އެއީ އެމަނިކުފާނުގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އިމްރާން ހާންއާ ދެކޮޅަށް 37 މައްސަލައެއް އެބައޮތެވެ. އޭގެ ތެރޭގައި ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ހުށަހަޅާފައިވާ މައްސަލަތައް ވެސް ހިމެނެއެވެ.

ތޯޝަޚާނާ ކޭސް ނުވަތަ މައްސަލައަކީ ކޮބާ؟

އުމުރުން 70 އަހަރު އިމްރާން ހާން ހައްޔަރުކުރުމަށް އަމުރު ނެެރެފައިވަނީ ބޭރުގެ ގައުމަތަކުން ސަރުކާރުގެ އޮފިޝަލުންނަށް ހަދިޔާގެ ގޮތުގައި ދެވޭ ތަކެތި ބަހައްޓާ ސްޓޯރުހައުސް، ޓޯޝަޚާނާ ގައި ހުރި އިމްރާން ހާންގެ ހަދިޔާތަކުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީއެވެ. އެހެންވެ މީޑިއާ ތަކުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ "ތޯޝަހާނާ" މައްސަލައިގެ ގޮތުގައެވެ.

އިމްރާންގެ މައްޗަށް ތުހުމަތު ކުރެވެނީ ހަދިޔާގެ ގޮތުގައި ލިބިލެއްވި ތިން ގަޑި ވިއްކައިގެން 36 މިލިއަން ޑޮލަރު ހޯއްދެވި ކަމުގެ ތުހުމަތެވެ.

ބޭރުގެ ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބޭ ތަކެތި ބޮޑުވަޒީރުގެ އަތްޕުޅުގައި ބެހެއްޓުމުގެ ހުއްދަ ދެނީ ވަކި އަދަދެއް ދެއްކުމަށްފަހުއެވެ. އެކަމަކު ކުރީގެ ބޮޑުވަޒީރު އިމްރާން ބައެއް ހަދިޔާތައް ހަޒާނާއަށް ޖަމާކޮށްފައި ނުވާކަމުގެ ތުހުމަތު ކުރެވެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ އިމްރާން ހައްޔަރު ކުރުމަށް ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓުން ނެރުނު އަމުރު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ސަސްޕެންޑްކޮށްފައެވެ.

އިމްރާންގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތައް

އިލެކްޝަންސް ކޮމިޝަނުގެ ބޭރުގައި ކުރި މުޒާހަރާތަކާ ގުޅިގެން އިމްރާން ހާން ކޯޓަށް ހާޒިރުނުވާ މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެ މުޒާހަރާ ކޮށްފައިވަނީ އިމްރާން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި، ޕާލަމެންޓުގެ މެމްބަރުކަމުން އިމްރާން ހާންއަށް ވާދަނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގަވައިދާ ހިލާފަށް ބޭރުފައިސާ ހޯއްދެވި ކަމަށް ބުނެ އެފްއައިއާރު ދަނީ އިމްރާންހާންގެ މައްސަލައެއް ބަލަމުންނެވެ.

ވޫޓަން ކްރިކެޓް ލިމިޓެޑްގެ ވެރިޔާ އާރިފް މަސްއޫދު ނަކްވީ ވަނީ އިމްރާންގެ ޕާޓީގެ އެކައުންޓަކަށް "ނުހައްގުން ހޯދާފައިވާ" ފައިސާ ޓްރާންސްފާކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެ މައްސަލާގައި އިމްރާން ހާނަށް ތުހުމަތު ކުރެވެނީ މާލީ ޓްރާންސްފާތަކެއް ހޯދައި، ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ގާނޫނުގެ މާއްދާތަކާ ހިލާފުވި ކަމުގެ ތުހުމަތެވެ.

އަންހެން ފަނޑިޔާރެއް ކަމަށްވާ ޒޭބާ ޗައުދަރީއަށް އިންޒާރު ދިން މައްސަލައެއް ވެސް އިމްރާން ހާނަށް ތުހުމަތު ކުރެވެއެވެ.

މދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އެއްވުމެއްގައި ސިޔާސީ ވާދަވެރިންނާއި ފުލުހުންގެ އިސް ވެރިންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާތަކެއް އުފުލިއެވެ. ނަމަވެސް ފަހުން ދައުވާތައް ވަނީ ބާތިލްކޮށްފައެވެ.