ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މާދަމާ ގުރުއަތު ނެގުން އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް މާދަމާ މެންދުރު 14:00ގައި އެ ކޮމިޝަނުގައި އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް އީސީ އިން ވަނީ ނިންމައިފައެވެ.

އެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީގެ އިތުރުން އެމްޓީޑީގެ ފަރާތުން ކެންޑިޑޭޓުން ނެރުމަށް ވަނީ ނިންމައިފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އީސީ އިން ނިންމީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ އަވާހަރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ.

އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް އޭނާ ވަޑައިނުގަންނަވައެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކިކަން ޔައުމިއްޔާއަކުން އެނގެން ނެތެވެ.

ރިޒާ ވަނީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ.

އޭނާ ތަމްސީލު ކުރައްވާ ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ، އަދި ކ. މާފުށިއެވެ.