ރައްޔިތުންގެ މަޖިލިސް އިދާރާ މިއަދު ވެފައި ވަނީ ގައުމު ބައިބައިކޮށް ފިތުނަ ފަސާދަ އުފައްދާ ތަނަކަށް ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝަރީފް ވަނީ ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ވަރަށް ގިނަ ގޮތް ގޮތަށް ވާހަކަ ދެއްކޭނެ ކަމަށެވެ. އޭނާ ވަނީ ސައިބާ ކްރައިމް ފަދަ ކަންކަމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކަށް ބަހުސް ކުރައްވަމުން ސަރުކާރާ ދެކޮޅު މެންބަރުން ބޭންކް އޮފް މޯލްޑިވްސް "ސުންނާފަތި" ކުރަމުން އަންނަ ކަމަށެވެ. އެއީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ދެ ބޭންކެއް ބަނގުރޫޓުވުމުން އިގްތިސޯދީ ގޮތުން ފުދުންތެރި ގައުމުތަކުން ވެސް ކަންބޮޑުވަމުން އަންނައިރު ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހި ރައްޔިތުންގެ ނަމުގައި ހުރި ހަމައެކަނި ބޭންކު ކަމަށާއި އެ ބޭންކަކީ ދިވެހިންގެ ތަރައްގީ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ބޭންކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކުވެސް މިއަދު ސިޔާސީ ހަސަދަވެރިކަމާއި މިއަދުވެސް ސަރުކާރު އިނދަ ޖައްސާލުމަށް ހިންގޭ ކެމްޕެއިނުގައި އެންމެ ބޮޑަށް އަމާޒު ކުރެވެން ހުރީ ރާއްޖޭގެ އިގްތިސޯދި ބަނގުރޫޓު ކޮށްލުމަށާއި ބޭންކް އޮފް މޯލްޑިވްސް ސުންނާފަތި ކޮށްލުން. މިއީ ވަރަށް އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގައި ވެސް މިއަދު ސައިބާ ކްރައިމްތައް އިތުރުވަމުން އަންނަ ކަމަށާއި އެ ހާލަތާއި ގުޅިގެން ގާނޫނުލްއުގޫބާތަށް އިސްލާހުތައް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން މިއާ ދެކޮޅަށް [ބިލާ ދެކޮޅަށް] ވާހަކަ ދެއްކިދާނެ. ނޫނޭ މިއީ ކަމުދާ އެއްޗެއް ނޫނޭ، މިއީ އިންތިހާބަށް [ރިޔާސީ އިންތިހާބް] ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެކޭ. ނޫން އިއްޒަތްތެރި ރައީސް... ސައިބާ ކްރައިމް އިތުރުވަމުން ދަނީ، އެކަމަށް ބޭނުންވާ އާލާތްތައް ރާއްޖޭގައި ގިނަވަމުން ދަނީ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި އެ ބިލަކީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެ ބިލަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ފިތުނައާ ފަސާދަ ހޯދުމުގެ ބޮޑު މަރުކަޒަކަށް މި މަޖިލިސް ވާކަން، ވެގެން ގޮސްފައިވާކަން މިއީ ހިތާމަވެރި ކަމެއް، ދެރަވަރު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ މި ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. އެގޮތުން ބޮންޑޭ ވަނީ ބީއެމްއެލްގައި ހުރި އެތައް ދިވެހިންގެ ފައިސާތައް ގެއްލިފައިވާތީ އެ ފައިސާތައް ގެއްލުމުގެ ޒިންމާތައް ބޭންކުން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންކަން:
ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން.
އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުވުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން.
ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން.
ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާ ކުރުން.
ނަހަމަ ގޮތުގައި ޑިވައިސް ބޭނުންކުރުން.
ސައިބާ ވަޔަލަންސްގެ އަމަލުތައް.
ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް.