ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާއިމްކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ، ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް، ސިޔާސީ ޕާޓީތަކުން 10 އަހަރުވަންދެން ބަލަހައްޓަން ވާނެ ކަމަށެވެ.

"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ދާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ފޯމެޓަށް އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަންވާނެ ކަމަށެވެ.

އެ ފޯމު "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ފޯމުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަން ޖެހޭ ނެއެވެ. ފޯމުގައި ހިމެނޭ އިނގިލީގެ ނިޝާން އިލެކްޝަންސް ކޮމިޝަނަށް ގަބޫލުކުރެވޭ ންވަރަކަށް ޖަހައިފައި ހުންނަންވާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.

އޮންލައިން ޕްލެޓްފޯމެއްގެ ތެރެއިން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސިއިރު ޕާޓީތަކަށް ނޭނގި އެޕާޓީތަކުގެ އާއްމު މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލަތަކެއް މީގެކުރިން ވަނީ ފެންމަތިވެފައެވެ. އެކަން ހައްލު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްހަ ނޫން ކޮންމެ ފޯމަކަށް، އެޕާޓީއެއް 10،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ނަމަ ސިޔާސީ ޕާޓީގެ ރަޖިސްޓްރާ 5،000 ރުފިޔާ، އިން އަދި ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރަން އީސީ އިން ވަނީ ނިންމައިފައެވެ.