ޝަންހާއީ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވެރިޔާ ލީ ޗިއާން ހޮނިހިރު ދުވަހު ޗައިނާގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އުމުރުން 63 އަހަރުގެ ލީ ކުރިމަތީ އޮތް އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފާއިތުވި ތިން އަހަރުގެ ތެރޭގައި ހީނަރުވެފައިވާ ޗައިނާގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމެވެ.

މިދިޔަ އޮކްޓޫބަރު މަހު ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްގައި ޗައިނާގެ ވެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ސީސީޕީ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީއަށް އޭނާ އައްޔަން ކުރެވުނެވެ. ޗައިނާގެ ބޮޑުވަޒީރު ލީ އެންމެ ފަހުން އެ މަގާމަށް އައްޔަން ކުރެއްވުމާ އެކު، ރައީސް ޝީ ޖިންޕިންއަށް ފަހު ލީޑާޝިޕްގެ ދެ ވަނައިގައި މިހާރު ހިމެނިވަޑައިގަންނަވާނީ އޭނާއެވެ.
ލީ ޗިއާން އަކީ ކާކު؟
ރޮއިޓާސް އިން ބުނި ގޮތުގައި ލީ އަކީ 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ކެރިއާ ބިއުރޯކްރެޓެކެވެ.

1983 ވަނަ އަހަރު ސީސީޕީއާ ގުޅިވަޑައިގެންނެވި ފަހުން އޭނާ ވަނީ މަގާމުތަކެއް ފުރުއްވާފައިވެއެވެ.

ލީގެ ކެރިއަރު ފެއްޓެވީ ކޮމިއުނިސްޓް ޔޫތު ލީގު އޮފް ރުއިއާން، ޒެޖިއާންގްގެ ސެކްރެޓަރީގެ މަގާމުގައެވެ. އެއަށްފަހު ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް ސިވިލް އެފެއާޒްގައި މަސައްކަތް ކުރެއްވުމަށްފަހު ޔޮންގް ކަންގްގެ ޕާޓީގެ ސެކްރެޓަރީކަމާއި ވެންޒޫއާއި ޒޭޖިއާންގްގެ ޕޮލިޓިކަލް ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމާއި ފަހުން އެ ޕްރޮވިންސްގެ ޑެޕިއުޓީ ޕާޓީ ސެކްރެޓަރީކަން ކުރެއްވިއެވެ.

އަދި 2012 ވަނަ އަހަރު އޭނާ ވަނީ ޒޭޖިއާންގްގެ ގަވަރުނަރަކަށް ވެވަޑައިގެންފައެވެ. އެއަށްފަހު ޖިއަންގްސޫ ޕްރޮވިންސްގެ ޕާޓީ ސެކްރެޓަރީގެ މަގާމަށް ވަޑައިގަތުމަށްފަހު އެންމެ ފަހުން 2017 ވަނަ އަހަރު ޝަންހާއީގެ ޕާޓީ ސެކްރެޓަރީގެ މަގާމަށް ބަދަލުކުރެއްވިއެވެ. ހަމަ އެ އަހަރު ސީސީޕީ ޕޮލިޓްބިއުރޯގެ މެމްބަރަކަށް ހަމަޖެއްސިއެވެ.
ޗައިނާގެ ބޮޑުވަޒީރު ކަމަށް އޭނާ ހަމަޖެއްސީ ކީއްވެ؟
ޗައިނާގެ ރައީސް ޝީ ޖިންޕިން ތިންވަނަ ފަހަރަށް ރައީސްކަމަށް އައްޔަން ކުރެއްވުމަށްފަހު، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވަމުން ގެންދަވަނީ އެމަނިކުފާނަށް ވަފާތެރި ބޭފުޅުންނެވެ.

މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ ޗައިނާއިން ސަރުކާރަށް ގެނައި އެންމެ ބޮޑު ބަދަލެވެ. އިސްލާހީ ވިސްނުން ގެންގުޅޭ އޮފިޝަލުންގެ ޖީލެއް ރިޓަޔާ ކުރައްވަމުން ގެންދަވާއިރު، ރޮއިޓާސްއިން ބުނާގޮތުގައި ޝީ ގެންދަވަނީ އިންތިހާބުވެވަޑައިގަތުމަށްފަހު ބާރުތައް އިތުރަށް ހަރުދަނާ ކުރައްވަމުންނެވެ.

ލީ އަކީ ޝީގެ އަރިސް ބޭފުޅެކެވެ. 2004 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް ޝީގެ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސިޑްނީގެ ލޯވީ އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ ރިޗާޑް މެކްގްރެގާ ވިދާޅުވާ ލީ އަކީ ވަރަށް ގާބިލް އަދި ރަނގަޅު ބޮޑުވަޒީރަކަށް ވެދާނެ ކަމަށެވެ.

ގެވެލް ޑްރެގަންމިކްސްގެ ޑެޕިއުޓީ ޗައިނާ ރިސާޗް ޑައިރެކްޓަރު ކްރިސްޓޮފާ ބެޑްޑޯ ވިދާޅުވާ ގޮތުގައި ލީ އަށް މިއަހަރު އެންމެ ބޮޑު މަސައްކަތަކަށް ވާނީ ސީރިއަސް އިންފްލޭޝަން ނުވަތަ ދަރަނި އުފުލުމެއް ނެތި ފަސް ޕަސެންޓުގެ ޓާގެޓް ފަހަތަށް ޖެހުމެވެ.

"ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް ބަލިކަށިވި ދެ އަހަރު ލީޑާޝިޕުން މިހާރު ވެސް ވަނީ ބަލައިގެންފައި. މިހާރު ކޮންޓެއިންމެންޓް ގެއްލުނީމަ އެމީހުން އެހެން އެއްޗެއް ގަބޫލެއް ނުކުރާނެ،" ބެޑްޑޯ ވިދާޅުވިއެވެ.

ޗައިނާގެ އެމެރިކަން ޗެމްބާ އޮފް ކޮމާސް އިން ކުރި ސާވޭގައި 25 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާ އަކީ "ޓޮޕް ތްރީ އިންވެސްޓްމަންޓް ޕްރައޯރިޓީ" އެއްގެ ގޮތުގައި މިހާރު ނުދެކޭ ކަމަށް ބުނެފައިވެއެވ.

ފާއިތުވި އަހަރުތަކުގައި އަލީބާބާ ފަދަ ކާމިޔާބު ޕްރައިވެޓް ކުންފުނިތަކަށް ވަނީ ކުއްލި ގޮތަކަށް ފިޔަވަޅު އެޅުމާއި ރެގިއުލޭޓަރީ ހުރަސްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ހީނަރުކަމާއި، ކަސްޓަމަރުންނާއި ޕްރައިވެޓް ސެކްޓަރުގެ މެދުގައި އޮތް އިތުބާރު ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި، އިތުބާރު އަނބުރާ ހޯދުމަށް ލީ އަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.