ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުން ކުރެވޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
އެ އުސޫލުގެ މަގުސަދަކީ ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް، އޮންލައިން ބޭންކިން ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ހިދުމަތެއް ލިބިގަތުމުގެ ފުރުސަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމަށް މާލިއްޔަތު ގަވާއިދުގެ ދަށުން ައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާން ކުރުމެވެ.
މި އުސޫލުގެ ދަށުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅަން ޖެހޭނީ "ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު ފިނޭންސް މިނިސްޓްރީ އަށެވެ.
އެ ފޯމުގައި ކޯޕަރޭޓް ކްރެޑިޓް ކާޑު ހައްދަން އެދޭ ބޭނުން ނުވަތަ މަގުސަދު ބަޔާންކުރަން ޖެހެއެވެ. އަދި ޭނުންވާ "ކްރެޑިޓް ލިމިޓް" އާއި ވަކިވަކި ބޭނުންތަކަށް ޚަރަދުވާނޭ އަދަދުގެ ތަފުސީލުތައް ބަޔާންކުރަން ޖެހެއެވެ. އަދި ނޮމިނީގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރާއި، ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުގެ ނޮމިނީގެ ޕަބްލިކް އެކައުންޓިން ސިސްޓަމުގެ އެޗްއާރް އައިޑީ ވެސް ހުށަހަޅަންޖެހެއެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލަރު، ފައިނޭންޝަލް އިންސްޓިޓިއުޓަށް ހުށަހަޅަންވާނެ ކަމަށެވެ.
ދައުލަތުގެ އޮފީސްތަކުގެ ތެރެއިން އެއް ބިޒްނަސް އޭރިއާއަށް ވުރެ ގިނަ ބިޒްނަސް އޭރިއާ ހިމެނޭ އޮފީސްތަކަށް އެއް ކާޑަށް ވުރެ އިތުރަށް ކާޑު ހަދަން ބޭނުންވެއްޖެނަމަ އެފަދަ ކާޑެއް ހައްދައިދޭންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ހުއްދަ ދީފައިވާ އޮތޮރައިޒިން އޮފިސަރެއް ނުވަތަ އެ އޮފީހަކާ ހަވާލުވެހުރި އިސްވެރިޔެއްގެ ނަމުގައި ކަމަށް އުސޫލުގައިވެއެވެ.
އެއްވެސް ސަބަބަކާހުރެ ކާޑު ބޭނުންކުރާ މުވައްޒަފު ނުވަތަ ނޮމިނީ ބަދަލުވެއްޖެނަމަ، އެ ކާޑު ކެންސަލްކުރުމަށާއި، ކާޑުގެ ޒިންމާއާ އަލުން ހަވާލުވާ މުވައްޒަފު ނުވަތަ އައު ނޮމިނީގެ ނަމުގައި އައު ކާޑެއް ހެއްދުމަށް އެދި ކައުންސިލަކުން ނަމަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ މެދުވެރިކޮށް އަދި ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީހެއްނަމަ، އެ އޮފީހަކުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށް އުސޫލުގައިވެއެވެ.