ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންތަކެއް މިއަދު އިންޑިއާ އަށް ފުރައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ މި ޕްރޮގްރާމަކީ ނޫސްވެރިންގެ އިތުރުން އެޑިޓަރުން ވެސް ބައިވެރިވާ ދަތުރެއް ކަމަށެވެ. މިއީ 8 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ ތަމްރީނު ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގައި 20 ނޫހަކުން ބައިވެރިވެއެވެ.

މިއީ "އިން ސާވިސް ޓްރެއިނިންގ އޮފް އެޑިޓަރސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވާސިޓީ (ނޮއިޑާ)، އިން އިންތިޒާމްކުރާ ޕްރޮގްރާމެއް ކަމަށާއި އެއީ 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

އެ ޕްރޮގްރާމްގައި އެތިކްސް އާއި، މީޑިއާ ދާއިރާގެ މުހިންމު ގާނޫނުތަކާއި، އެކި ހާލަތްތަކުގައި ހަބަރު ގެނެސްދީ ރިޕޯޓްކުރާނެ ގޮތްތަކާއި، ސޯޝަލް މީޑިއާގެ މުހިންމުކަން ފަދަ ބައިތައް ކިޔަވައިދީ ސެޝަންތައް ނޫސްވެރިންނަށް ހިންގާނެ ކަމަށް، މީޑިއާ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި އެ ގައުމުގެ ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނި ގޮތުގައި، މި ތަމްރީން ދަތުރުގައި ބައިވެރިވާ ނޫސްވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، އަދި ނެޝަނަލް ކެޕިޓަލް ރީޖަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.