ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާން ފަށައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން 5:00އަށް ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށްދަނީ ކ. ގުރައިދޫ އާއި ކ. ގުޅި އާއި ކ. މާފުށީގެ އިތުރުން މާލޭގައެވެ. މާލޭގައި ވޯޓުލުން ކުރިއަށްދަނީ އެމްޑީޕީ މައި ހަރުގޭގައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުން:

1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
4- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ ދަފްތަރުގައި ތިބި މެމްބަރުންނަށެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން ދައްކާ ގޮތުން އެ ދާއިރާގެ ތިން ރަށުން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 800 މެމްބަރުންނަށެވެ.

އެ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،000 ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހު 15 ގައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.