ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް އުފެދިފައިވާ ގޮތުންނާއި އުފެދުމުގައި ހުރި ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ހާއްސަ ހައްލުތަކެއް ބޭނުންވާކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ބާލިން އިކޮނަމިކް ފޯރަމް 2023ގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެގައުމުތަކުގެ ޙާލަތު ވަޒަންކުރުމަށް ހާއްސަ ގޮތްތަކެއް ހޯދަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވި އިރު ފެއްޓެވި މަސައްކަތެއް ކަމަށްވާ "މަލްޓި ޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ 2004ވަނަ އަހަރު އިންޑިއާ ކަނޑަށް އެރި ސުނާމީ އާއި ކޮވިޑް-19 އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ގައުމުތަކަށް ފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެގޮންޖެހުންތަކަކީ ހަމައެކަނި ކުދި ގައުމުތަކަށް ދިމާވާނެ ގޮންޖެހުންތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއީ ޔޫރަޕް، އުތުރު އެމެރިކާ އަދި އެފްރިކާގެ އެކި ސަރަހައްދުތަކަށް މިހާރުވެސް އެކަމުގެ ގެއްލުންތައް ފެންނަމުން ދާ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
އަދި ދުނިޔޭގެ އެންމެ ބިންތިރި ގައުމަށް ދިވެހިރާއްޖެ ވީހިނދު، ދުނިޔޭގެ ފިނިހޫނުމިނުގައި 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ދިވެހިރާއްޖެއަށް މަރުގެ ހުކުމެއް އައުމާ އެއްފަދަކަމެއް ކަން ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސުލްހައާއި ރައްކަތެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމުގައި ކުދި ގައުމުތަކަކީ ބަސް ބުނެވޭ، ބަސް ވިކޭ ބަޔަކަށް ވެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ދުނިޔެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ކުދި ގައުމުތަކުގެ އަޑުއެހުމުގެ މުހިއްމު ކަމަށް ވިދާޅުވެފައެވެ.