ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރުމަށް ހައިކޯޓުން އަންގައިފިއެވެ.

ޔާމީންގެ މައްޗަށް އިވި ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅިކަން މިދިޔަ މަހުގެ 21ވަނަ ދުވަހު ހާމަކުރެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ނަމަވެސް ހައިކޯޓުން ވަނީ ޔާމީންގެ ވަކީލުންނަށް ހުކުމްގެ އިސްތިއުނާފު އިސްލާހު ކުރުމަށް އަންގައިފައެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުން މިއަދުގެ 12:58 ގައި ޖަވާބެއް ލިބިފައިވާ ކަމަށާއި އެގޮތުން އެއް ރިޕޯޓަކުން ނިންމި ދެ ގަޟިއްޔާ ނަމަވެސް، ދެ ގަޟިއްޔާގެ އިސްތިއުނާފް ފޯމު ވަކިން ތައްޔާރުކޮށް އިސްލާހު ހުށަހެޅުމަށް އެ ހައިކޯޓުން އަންގާފައިވާ ކަމަށެވެ.

އަދި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި މަހްޟަރުތަކާއި ޑޮކިއުމެންޓްރީ އެވިޑެންސުން ކެޕްޗާކޮށް ހުށަހަޅާފައިވާ ބައިތައް ޓައިޕް ކޮށް ފޯމުގައި ހިމަނައިދިނުމާއި ، އިނގިރޭސިބަހުން ހުރި ބޭރު ގައުމުތަކުގެ ކޯޓުތަކުގެ ނިންމުން ދިވެހިބަހުން ތަރުޖަމާ ހުށަހެޅުމާއި، ބޭރު ގައުމުތަކުގެ މައްސަލަތަކުގެ ރިޕޯޓުތައް ހުށަހެޅުމާއި އެފަދަ ކަންތައްތައް، އަދި މީގެ އިތުރުން ކުރިމިނަލް ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމު ހައިކޯޓަށް ކްރިމިނަލް ކޯޓުން ފޮނުވިއިރު ބައެއް އެޓޭޗްމަންޓް އެ ފޯމުގައި ނެތުމުން އެ އެޓެޗްމަންޓްތައްވެސް ފޮނުވުމަށް އެދިފައިވާ ކަމަށް ސިޔާޒް ވިދާޅުވިއެވެ.

https://twitter.com/AbdullaSiyaz/status/1633794125727424512?s=20

ހައިކޯޓުން އެފަދައިން އެންގިއިރު ޔާމީންގެ އިސްތިއުނާފު މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ލީޑާޝިޕުން ވަނީ ހައިކޯޓަށް ވެސް ވަޑައިގެންފައެވެ.
އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.