ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއާ ކޮލެޖާއި ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ އެ ދެ ޕްރޮޖެކްޓްގެވެސް ކޮންސްޓަރަކްޝަން މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
އެ ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި އެ އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު އެތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ހއ.ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަ ކުރެވިފައި ވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. އެ ކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ،
އެ އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.
މި މަޝްރޫއުތަކަކީ، މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށް ވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓަނާޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލު ކުރެވިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.