އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ އެ ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ބެލުން ކަމަށާއި އެހެންކަމުން އެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތައް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ކޮންފަރެންސްގައި އިސްލާމިކް މާލީ ނިޒާމްގެ ދާއިރާގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

[caption id="attachment_48641" align="alignnone" width="1024"] އައިޔޫއެމް އިން ފެށި ކޮންފަރެންސްގައި މިނިސްޓަރު އަމީރު ބައިވެރިވެވަޑައިގަންނަވަނީ --[/caption]

އެ ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗާންސްލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އިސްލާމިކް އިކޮނަމިކްސްގެ އެންމެ އިސްކަމަކީ މުޅި މުޖްތަމައުގެ އިގްތިސާދީ ކުރިއެރުމަށް އިސްކަން ދިނުމާއި މުޅި އިންސާނިއްޔަތު ތަރައްގީ ކުރުން ކަމަށެވެ. އަދި އޭގެ މަގުސަދަކީ ދުނިޔެއާއި އާހިރަތުގައި އިންސާނާ އަށް ކާމިޔާބު ލިބުން ކަމަށެވެ.

"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަނޭޝަނަލް ރިސާޗް ސެންޓާ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ އިލްމީ މަހާސިންތާއެކެވެ.

އެ ކޮންފަރެންސް ބާއްވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާ ވެސް އެކު އެވެ.

[caption id="attachment_48639" align="alignnone" width="1024"] އައިޔޫއެމް އިން ފެށި ކޮންފަރެންސްގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ބައިވެރިވެވަޑައިގަންނަވަނީ --[/caption]

އެ ކޮންފަރެންސަކީ އިޖްތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްގީގައި އިސްލާމީ އިގުތިސާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، އެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން މަޝްވަރާ ކުރަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށް އައިޔޫއެމް އިން ބުނެއެވެ.

އައިޔޫއެމް އިން މައުލޫމާތު ދޭ ގޮތުގައި އެ ކޮންފަރެންސްގެ ޝިއާރަކީ "އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް" ނުވަތަ އިސްލާމީ އިގްތިސާދުގެ ތެރެއިން އިޖްތިމާއީ އަދާލަތު ގާއިމްކުރުން ކަމަށެވެ. އެ ކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގްތިސާދުގެ މުހިންމުކަން އަންގައިދިނުމެވެ.

އެ ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް ބިނާކޮށް މިއަދާއި މާދަމާ ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދާނެއެވެ. އެ ޕެނަލްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ. އަދި އެ ކޮންފަރެންސުގައި ދާއިރާއާ ގުޅޭ ދިރާސީ ކަރުދާސްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ހުށަހަޅުއްވާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ.