ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައިސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލޭގައި 400 ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި އެފޯޑަބަލް ހައުސިން ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާ އިން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ކޮންސަލްޓެންސީ ހިދުމަތުގެ ތެރޭގައި، ޓެންޑާ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީއައިއޭ ރިޕޯޓް ތައްޔާރު ކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމުގެ އިތުރުން ކޮންޓްރެކްޓަރުގެ މަސައްކަތްް ސުޕަވައިޒް ކުރުން ހިމެނޭ ކަމަށެވެ.

އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) އުސޫލުންނެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިއަދު ވަނީ ހުޅުވާލައިފައެވެ.

ފިނޭންސުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތާއި، އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ އަދި މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަން ވާނެ ކަމަށެވެ. ޝޯޓްލިސްޓިންގް ކްރައިޓީރިއާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ހިމެނިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" [email protected] އީމެއިލް އެޑްރެހަށް ފޮނުވުމަށް ފިނޭންސުން ވަނީ އެދިފައެވެ.