ބައެއް ފުލުހުންގެ ބައިވެރިވުން ހިމެނިގެން ކުށްތަކަށް އަރައިގެންފައިވާ ކަމަށާއި އެފަދައިން އަމަލު ކޮށްފައިވާ އެތައް ފުލުހެއް ވަޒީފާ އިން ވަކި ކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ކުށްކުށަށް އަރައިގަތުމުގައި ބައެއް ފުލުހުންގެ ބައިވެރިވުން އޮންނަކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނުގެ އަތުން ސޮއި ކުރައްވާ އެތައް ފުލުހުންނެއް ވަޒީފާ އިން ވަކި ކޮށްފައިވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ވަޒީފާ އިން ވަކި ކޮށްފައިވާ ފުލުހުންގެ އަދަދު، ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން ހާމަ ކުރައްވާނެ ކަމަށެވެ.
"އެތައް ފުލުހުންނެއް އަޅުގަނޑު ވާނީ ސީދާ ފިޔަވަޅު އަޅާ ކަނޑާލާފައި. އަދި އޭގެތެރެއިން ބައެއް ފަރާތްތައް އިންވޯލްވާ މިންވަރާއި މެދު ޝައްކު އުފެދިގެން އެމީހުން ވާނެ ޑީމޯޓު ކޮށްފައި. އަދި ބައެއް ފަރާތްތައް ވާނީ އެފަދަ ކަމެއް ނުހިންގޭ ފަދަ ޔުނިޓުތަކަށް ބަދަލު ކޮށްފައި،" ކުށް ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮތް މިންވަރާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އިމްރާން ވިދާޅުވިއެވެ.
[caption id="attachment_48595" align="alignnone" width="1620"] ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަކަށް ހޯމް މިނިސްޓަރު އިމްރާން ޖަވާބު ދެއްވަނީ: ފޮޓޯ / މަޖިލިސް[/caption]
އިމްރާން ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް ސަމާލުކަން ދީގެން ބަލަމުން އަންނަ ކަންތައްތަކުގެ ތެރޭގައި ކުށްކުރުމާއި ކުށަށް އަރައިގަތުމުގައި ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ހިމެނޭ ކަމަށެވެ.
"އެކަމެއް އެނގިއްޖެ ނަމަ އަޅުގަނޑު ފިޔަވަޅު އަޅާނަން،" އިމްރާން ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރާއިރު ވެސް ކުށަށް އަރައިގަތުމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭކަން އެނގިއްޖެ ނަމަ ސީދާ އެމަނިކުފާނަށް އެންގުމަށް ކައުންސިލްތަކުގައި އެދިފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވަނީ މަޖިލިސް މެންބަރުންނަށް ވެސް އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަން ސީދާ އެމަނިކުފާނާ ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ކުށްކުރުމާއި ކުށަށް އަރައިގަތުމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ ބައިވެރިވުން ވެސް ހިމެނޭކަން އިމްރާން ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލަކަށް ވަޑައެއް ނުގަންނަވައެވެ. ވިދާޅުވީ އެކަމާއި ގުޅުންހުރި މައުލޫމާތުތައް މަޖިލީހުގެ 241 ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.