މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުގައި ކިޔަވައި ދެމުން އަންނަ ލެކްޗަރާ އިންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވެގެން އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި 376 އިދާރީ މުވައްޒަފުން ތިބި ކަމަށާއި އިސްލާމިކް ޔުނިވާސިޓީގައި އިދާރީ 64 މުވައްޒަފުން އެބަ ތިބި ކަމަށެވެ. ސަރުކާރުން މިހާރު މުސާރައިގެ ކުރިއެރުން ދީފައިވާ ފަރާތްތަކުގެ ތެރެއިން ވެސް އެ ކުރިއެރުން ލިބިފައި ނުވާ ފަރާތްތަކަކީ ޔުނިވާސިޓީތަކުގެ އިދާރީ މުވައްޒަފުންކަން އަމީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ގާތްގަނޑަކަށް 35 ޕަސެންޓުން މިދޭ އެކިއެކި ވުޒާރާތަކަށް މިދޭ 35 ޕަސެންޓު، އެމްއެންޔޫ އާއި އައިޔޫއެމް އަށް ނުލިބޭ. އެހެންވީމާ އަޅުގަނޑުމެން އާ... ހިޖުރަކުރާއިރު އެޑްމިނިސްޓްރޭޓިވް މަގާމުތަކުގައިި ތިއްބަވާ ބޭފުޅުންނަށް ވެސް 35 ޕަސެންޓު ލިބޭ ގޮތަށް އަޅުގަނޑުމެން މި ބަދަލު ގެންނަނީ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެ ކުރިއެރުމާއެކު ދައުލަތުގެ ބަޖެޓުން ގައުމީ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް އިތުރު 780،000 އަށްވުރެ ގިނަ ރުފިޔާ މަހަކު އިތުރު ކުރަން ޖެހޭނެ ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 9.3 މިލިއަން ރުފިޔާއެވެ. އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނަށް މަހަކު ލައްކައަކަށްވުރެ ގިނަ ރުފިޔާ އިތުރު ކޮށްދޭން ޖެހެއެވެ.

ލެކްޗަރާއިންގެ މުސާރަ ބޮޑުވެއްޖެކަން އިއުލާން ކުރެއްވީ މިމަހުގެ ދެވަނަ ދުވަހު ތ. ހިރިލަންދޫގައި ބޭއްވި އެ ރަށު ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެގޮތުން އިތުރު ވަގުތާއި ނުލާ ލެކްޗަރާ އިންނަށް 29،000 އަށްވުރެ ބޮޑު މުސާރައެއް ލިބިގެން ދާނެއެވެ. ގައުމީ ޔުނިވާސިޓީގެ ލެކްޗާރާއަކަށް ކުރިން ލިބުނީ އިތުރު ވަގުތުގެ މަސައްކަތާއެކު 18،880 ރުފިޔާއެވެ. އެހެންކަމުން ސަރުކާރުން ވަނީ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓު ބޮޑު ކޮށްފައެވެ.