ކޮވިޑާއި ގުޅިގެން ރާއްޖެއިން ވެންޓިލޭޓަރުތަކެއް ގަތުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލު ކޮށްގެން އެތަކެތި ރާއްޖެ ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ހުށަހެޅި މައްސަލަ ރާއްޖެއާ އެއްކޮޅަށް ނިމޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެންޓިލޭޓަރު މައްސަލާގައި އަމީރަށް ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ގެއްލިގެން ދިޔަ ފައިސާ ދިވެހި ސަރުކާރަށް އަނބުރާ ލިބުން ކަމަށެވެ.
އަމީރު ވިދާޅުވީ އެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހު ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށް ދިނުމަށް އޭޕްރީލް 2، 2020 ގައި ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން ހުށައެޅި މި މައްސަލާގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިވާނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،547،750 ދިވެހި ރުފިޔާއަށްވާ 2،112،500 އެމެރިކާ ޑޮލަރުގެ އިތުރުން އިންޓެރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވަނީ އެދިފަ އެވެ.
އޭޖީ އޮފީހުން ބުނި ގޮތުގައި އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުމް ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް ފައިސާ ދީފައި ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.