ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް އޯޕަން ޑޭއެއް ބާއްވަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނީ މިމަހުގެ 10ވަނަ ދުވަހު އެ އޯޕަން ޑޭގައި ހުޅުވާލުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު 16:00 – 18:00 އަދި 20:00 – 22:00 އަށެވެ.
އެ މަގާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލުގައެވެ.
އެޗްޑީސީ އިން ބުނީ މިފަހަރު ހުޅުވާލެވޭ ފުރުސަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނުގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކުވެސް އައިޑީކާޑްގެ ކޮޕީ، ތައުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ދިއުމުން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.