ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަސައްކަތްތަކަކީ ދައުލަތުގެ އިދާރާތަކަށް ގާނޫނަކުން ނުވަތަ ގަވާއިދަކުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކެއް ކަމުގައިވާތީ، އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އޮފީހުން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާ އިން ކޮށްފައިވާ "ކޮމިއުނިޓީ އޮޑިޓް" ރިޕޯޓުތައް މުއައްސަސާތަކާއި ހިއްސާ ކޮށްފައި ވާތީ އެކަމާއި ގުޅިގެން އެ އޮފީހުން މިއަދު ބުނީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދެމި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިދިޔަ އަހަރު ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އޮފީހުން ވަނީ ޗައިލްޑް ރައިޓްސް އޮޑިޓްތަކެއް، 'ކޮމިއުނިޓީ އޮޑިޓް'ތަކެއްގެ ގޮތުގައި ކުރިޔަށް ގެންގޮސްފައެވެ. އެ އޮޑިޓްތަކުގެ މަގުސަދަކީ، ދައުލަތުގެ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރެވޭ މިންވަރު ދެނެގަނެ، ކުޑަކުދިންގެ މަސްލަހަތަށް އިސްކަން ދިނުމުގެ ރޫހު އާލާކުރުމާއި، ފުރިހަމައަށް ގާނޫނާއި މުއާހަދާ ތަންފީޒުކުރުމަށް ބާރުއެޅުން ކަމަށް އެ އޮފީހުން ބުނެއެވެ.
ހުށަހަޅާފައިވާ އެންމެހާކަންކަމަކީ ދައުލަތުގެ އިދާރާތަކާއި ގާނޫނަކުން ނުވަތަ ގަވާއިދަކުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކެއް ކަމުގައިވާތީ، އެކަންކަން އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އިތުރަށް ސަމާލުކަން ދެއްވުމަށާއި، ކުޑަކުދިން ރައްކާތެރިކުރުމުގެ ގައުމީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މި މުހިންމު މަސައްކަތުގައި އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންވަނީ އެންމެހާ އިދާރާތަކުގައި ދަންނަވާފައެވެ.
އެ އޮޑިޓުތައް އެ އޮފީހުން ކުރިޔަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އެންމެ ދެކުނާއި އުތުރާއި އަދި މެދުރާއްޖެތެރޭގެ ރަށްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ސ. ހިތަދޫ، ކ. ހިންމަފުށި، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް، ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ތ. ވޭމަންޑޫ، ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫގައި އެ އޮފީހުން ވަނީ އެ އޮޑިޓުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އޮފީހުން އެ އޮޑިޓު ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާފައިވާ މަރުކަޒުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައި ހުރި، ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުގައެވެ.
އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ އޮޑިޓުތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުރުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް މިދިޔަ މަހުގެ 15ވަނަ ދުވަހު ވަނީ ހިއްސާ ކޮށްފައެވެ. އަދި މި އިދާރާތައް ނިސްބަތްވާ މިނިސްޓްރީތަކާއި މައި އިދާރާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.