މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބިންތަކާއި ކުލީގެ މުއްދަތު އުސޫލުން ބޭރުން ދެމުންދާ ކަމަށް އެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ގާނޫނުން އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިއަހަރު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވިލިމާލެއާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކައުންސިލަރާއި ކުރެވުނު ސުވާލުތަކުގެ ޖަވާބު ދިނުމަށް ތަކުރާރުކޮށް އޭނާ އެދުމުންވެސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަންޒަރު އެތައް ބަޔަކަށް ފެނިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޢުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ޖަވާބުދާރީވާން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމަކަށް ވާއިރު ކުރެވޭ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭ ހަރުކަށި އުސޫލެއް އޮވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ވިލިމާލެ އާއި ގުޅޭ ގޮތުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޖަވާބު ދީފައިވާކަން ފާހަގަކޮށް ނަހުލާ ވިދާޅުވީ ވިލިމާލެ ޝީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ އިއުލާނު ކުރެވިގެން ބިޑް ކޮށްގެން ނޫން ކަމަށެވެ. ވިލިމާލޭވެސް ލޭންޑް ޔޫސް ޕްލޭންއް އޮންނައިރު ވަކި ބިމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅުމަށް ކައުންސލްގެ ތަޅުމަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޝީޝިއާ ރެސްޓޯރަންޓުގެ ބިން އެފަރާތަށް ދީފައިވަނީ ކައުންސިލްގެ ތަޅުމަށް ހުށަހަޅައިގެން ނޫން ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާހާނާ ބަރިއެއް އެޅުމަށް ބޭނުންވާ ކަމަށް އަޅުގަނޑު ހުށަހލާ މީޑިއާ ތަކަށްވެސް އެކަން ހިއްސާ ކުރުމުން ސިޓީ ކައުންސލުން އެ މަސައްކަތް ކުރަން ބަޖެޓް ނެތް ކަމަށް ވިދާޅުވެ އެ ފާހާނާ ބަރި އެޅުމަށް އެގްރިމެންޓެއްކޮށް ޝީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު ބިޑު ކުރުމަކާއި ނުލާ އަވަސް އަރުވާލައިގެން އިތުރު ކޮށްފައިވާ ކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ.
ވިލިމާލެއިން ރެޑް ވޭވަށް ބިމެއް ދީފައި ވޭތޯ ރައްޔިތުންގެ ބައްދަލުވުމުގައި މީހަކު ކުރި ސުވާލުގެ ޖަވާބު ނަހުލާގެ ބަޔާނުގައި އޭނާ ވަނީ ދެއްވައިފައެވެ. އެގޮތުން އެއީ ވެސް ކައުންސިލްގެ ރަސްމީ ޖަލްސާއަށް އައިސްފައިވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރެޑް ވޭވާއި އެކު އެގްރިމެންޓެއް ހެދިފައިވާކަން އެނގިފައި ވަނީ މީގެ ތިން ދުވަސް ކުރިން އެ ވާހަކަ ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވުމުން ކަމަށް ނަހުލާ ވިދާލުވިއެވެ.
ނަހުލާގެ ވާހަކަތަކަށް ސިޓީ ކައުންސިލުން ދިން ރައްދު
ނަހުލާގެ ނޫސް ބަޔާނުގައި ހުރި މި ވާހަކަތަކަށް މާލެ ސިޓީ ކައުންސިލުން ވަނީ ރައްދު ދީ ނޫސް ބަޔާނެއް މިއަދު ނެރެފައެވެ. އެގޮތުން ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައި ވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޝީޝިއާ ރެސްޓޯރަންޓުގެ އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްގީ ކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާހާނާބަރިއާއި ޝަވަރުތައް އަދި ޗޭންޖިން ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސާވިސް ކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ސާވިސް ކޮމެޓީގެ މުގައްރިރުކަން އޭރު ކުރެއްވި، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ ވެސް އެފަދަ ކަންކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ހިދުމަތް ލިބިދިނުމަށް ބޭނުންވެ، ވިލިމާލޭގައި ކޮމާޝަލް ބިލްޑިން އެއް އެޅުމަށް ބޭނުން ވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު ގެޒެޓުގައި އިއުލާންކުރެވުނު ކަމަށާއި އަދި އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައި ވަނީ އެ ކައުންސިލުގެ ބިޑުކޮމެޓީން ކަމަށް ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ އެކައުންސިލުން ކޮށްފައިވާ ކަންކަން ކޮށްފައި ވަނީ ދެފުށްފެންނަ ގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.