ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާއި އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

[caption id="attachment_48483" align="alignnone" width="2560"] މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގައި ރައީސް ސާލިހާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް-- ފޮޓޯ/ ރައީސް އޮފީސް[/caption]

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން މިނިމަމްވޭޖް ތަޢާރަފްކުރުމާއި ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް، ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ފޮނުވިފައިވާ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން، މުވައްޒަފުންގެ އިޖްތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށާއި އެބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި އެ ބިލް އޮތީ މޯލްޑިވުސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކޮށް މުރާޖަޢާކުރައްވާފައި ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

[caption id="attachment_48482" align="alignnone" width="2560"] މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް[/caption]

ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޔޫނިއަންގެ އެންމެހައި މެމްބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.