ވިލިމާލެ އިން ފުރައިގެން ދިޔަ ތެޔޮ ބޯޓެއްގައި ހުރި ބަންގްލަދޭޝް ރައްޔިތަކު މަރާލިކަމުގެ ތުހުމަތު ކުރެވޭ ދިވެއްސެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ގދ. ތިނަދޫ ރައްޔިތެއް ކަމަށްވާ، މުހަންމަދު ނިޒާމުގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ އެ ބޯޓުގައި ނިޒާމާއެކު ހުރި އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލި މައްސަލާގައެވެ.
އެ ދައުވާގެ އިތުރުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ވެސް ނިޒާމުގެ މައްޗަށް ވަނީ ކޮށްފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ލިޓަން މަރާލާފައި ވަނީ އޭނާ ނޭނގި ހުއްޓައި ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ކ.ގަލުފަޅު ކިޔާ ސަރަޙައްދުގައި ކަމަށާއި ލިޓަން އަށް ނޭނގި އޭނާ މޫދަށް ކޮއްޕާ ވައްޓާލީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ ހާދިސާ ހިނގި ތާރީހެއް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުއެވެ. ލިޓަންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވެސް ނިޒާމު ވަގަށް ނެގި ކަމަށާއި އެގޮތުން ލިޓަންގެ އަތުން 51،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ނިޒާމު ވަގަށް ނެގި ކަމަށް ޕީޖީ އިން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ނިޒާމު ކުއްޔަށް ހިފައިގެން މާލޭގައި ދިރިއުޅެމުން ދިޔަ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާ ކަމަށެވެ. އަދި ތަކެއްޗަކީ ލިޓަންގެ ފައިސާ އިން ގަތް ތަކެތި ކަމަށް ވެސް ޕީޖީ އިން ބުނެއެވެ.