އެމްޑީޕީގެ އާއްމު މެންބަރުން ޕާޓީ ގެންދަންވި މިސްރާބެއް ދައްކުވައި ދީފައިވާ ކަމަށާއި ކުރިޔަށް ދާނީ އެ މަގުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ބަޔަކީ އެޕާޓީއެއްގެ އާއްމު މެންބަރުން ކަމަށެވެ. ޕާޓީގެ ސިޔާސަތުތައް ތަންފީޒުވެގެން ދާނީ އެ މެންބަރުން ކުރާ މަސައްކަތުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. ޕާޓީގެ ވެރިން ހިނގަން ޖެހޭނީ އާއްމު މެންބަރުން ދައްކާ މަގަކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށް ވާތީ އެމްޑީޕީގެ އާއްމު މެންބަރުން ތިބީ އެކަމަށް ގޮތެއް ނިންމައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން މި ޕާޓީ ކުރިޔަށް ދާން ޖެހޭނީ ތިޔަ ބޭފުޅުން އެ ދެއްކެވި މަގުން. ޕާޓީގެ އާއްމު މެންބަރުން އެ ނިންމެވި ނިންމުމާއި އެކީގައި. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ ތިޔަ ބޭފުޅުން އެ ދެއްކެވި މަގުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި މިހާރު ފެށިފައި ހުރި މަސައްކަތްތަކައިގެން ކުރިޔަށް ދާން. އެއާ ދޭތެރޭގައި ތިޔަ ބޭފުޅުން އެއްވެސް ޝައްކެއް ނުކުރައްވާ،" ރައީސް ވިދާޅުވިއެވެ.
އެހެން ވިދާޅުވުމަށް ފަހު ރައީސް ވަނީ އެ ބައްދަލުވުމުގައި އެވަގުތު ތިއްބެވި ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އަދި އެތަނުގައި އެވަގުތު ތިއްބެވި ބައެއް ކުންފުނިތަކުގެ އިސްވެރިންގެ ނަން ވިދާޅުވެލައްވާފައެވެ. އަދި ވިދާޅުވީ މަސައްކަތްތަކައިގެން ކުރިޔަށް ދާނީ އެ ޓީމާއެކު ކަމަށެވެ.
"އެއީ އެބޭފުޅުން އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމުގައި ތިޔަ ބޭފުޅުންނަށް ނަތީޖާ ދައްކުވައިފި، ތިޔަ ބޭފުޅުން އެކަން ބަލައިގެންފި. އެހެންވީމާ ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބު މަސައްކަތްތަކާއެކު އަޅުގަނޑު ކުރިޔަށް ދާނީ އަދި ކުރިޔަށް އޮތް ތަނުގައި މި މަސައްކަތްތައް ތަންފީޒު ކުރުމުގައި އަޅުގަނޑު ކުރިޔަށް ދާނީ މި ބޭފުޅުންނާއެކީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު ރައްޔިތުން ވިސްނަން ޖެހޭނީ ރަށްރަށުގެ ތަރައްގީ އަށް ސިޔާސަތުތަކެއް ކަނޑައަޅައިގެން ނިކުމެ ތިބީ ކޮން ބައެއްތޯ ކަމަށެވެ. މީގެކުރީގެ ވެރިކަންތަކާއި އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކުރެވުނު ކަންކަން ރައްޔިތުން މިނުއްވާލެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ސަރުކާރުން މިހާރުވެސް އެކި ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ހުރިހާ ކަމެއް ކުރާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ބޭނުންވާ ތަރައްގީ މުޅި ރާއްޖެ އަށް ގެނެވޭނީ މިފަދަ ސިޔާސަތުތަކާއެކު އަންނަ ބަޔަކަށް ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ފޯމިއުލާ އަކީ ކޯލިޝަނަކާއެކު ކުރިޔަށް ދިއުން ކަމަށް ރޭގެ ބައްދަލުވުމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ޕްރައިމަރީ ތެރޭގައި އެ ވާހަކަ އެހެން ވިދާޅުވުމުން އެކަމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް މިއަދު އެބޭފުޅުން ވެސް ދައްކަވަނީ ރިޔާސީ އިންތިހާބުގައި ކޮންމެވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަތައް ކަމަށް ރައީސް ވިދާޅުވިއެވެ.