އެކި ފިކުރުގެ މީހުންނާއެކު ވެސް ރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް ވެރިކަން ކުރެވިގެން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މީގެ 15ވަރަކަށް އަހަރު ކުރިން އެމްޑީޕީން ފެށި ދަތުރަކީ ރާއްޖެ ބަދަލު ކުރުމުގެ ނިޔަތުގައި ފެށި ދަތުރެއް ކަމަށެވެ. އޭރު ވެސް އެމްޑީޕީ އިން ދެއްކި ވާހަކަ އަކީ ރައްޔިތުން ބާރުވެރި ކުރުވުމުގެ ވާހަކަ ކަމަށާއި ރައްޔިތުންގެ ސިކުނޑި އަށް އެވާހަކަތައް ގަބޫލު ކުރެވިގެން މިއަދު އެމްޑީޕީ އަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ދަތި އުނދަގޫ ހާލަތްތަކެއް ކަޑަތު ކުރެވިގެން ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
އެމްޑީޕީ އިން އޭރު ދެއްކި ތަސައްވަރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ އަދި ކިރިޔާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެކުރިން އެމްޑީޕީ އަށް ޖެހުނީ އެ ފުރުސަތު ހޯދުމަށް ހަނގުރާމަ ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އަނިޔާވެރި އަދި ހުދުމުހުތާރު ވެރިކަންތަކުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުވުމުގެ މަސައްކަތްތައް އެމްޑީޕީ އަށް ކުރަން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ އެންމެ މީހެއްގެ މަސައްކަތުން ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެކަން ކުރެވޭނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީ އިން ކޯލިޝަނެއް ހެދީ ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރުމަށް ކަމަށާއި ފަހުން އެމްޑީޕީގެ ތެރެއިން ބައެއް ފަރާތްތަކުން ކޯލިޝަނަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ވާހަކަ ދެކެވެނު ކަމަށެވެ.
ނަމަވެސް ރާއްޖޭގައި އެކި ފިކުރުތަކުގެ މީހުން އެބަ ތިބި ކަމަށާއި ރަނގަޅު ވެރިކަމެއް ކުރެވޭނީ ރައްޔިތުންނަށް އެއީ އެމީހުންގެ ވެރިކަމެއް ކަމަށް ގަބޫލު ކުރެވިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެކަން [ކޯލިޝަން] ވަރަށް ހިކުމަތްތެރިކަމާއެކު މި ވޭތުވެދިޔަ ހަތަރު އަހަރުގައި ކޯލިޝަނެއް ހިފަހައްޓައިގެން ވަރަށް ހިޔާލު ތަފާތު ކޯލިޝަނެއް ހިފަހައްޓަވައިގެން ހިކުމަތްތެރިކަމާއެކު މި ރާއްޖޭގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމް ކޮށްގެން މި ވެރިކަން މި ކުރެވެނީ ގާއިމުވެސް ވެރިކަން ކުރަން ހުރި މީހެއްގެ ހިކުމަތްތެރި ކަމެއް ހުރީމަ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދިމާވާ ކަންކަމުގައި ކުއްލި ކުއްލި އަށް އެކަން ކަމަށް ރައްދު ނުދެއްވާ ވެރިކަން ކުރެވޭނީ ހިކުމަތްތެރި ލީޑަރުންނަށް ކަމަށެވެ. އަދި ހިޔާލު ތަފާތު އެކި މީހުންނާއެކު މަސައްކަތް ކުރެވޭނީ ވެސް އެފަދަ ލީޑަރުންނަށް ކަމަށް ވިދާޅުވިއެވެ.
"މިއަދު މިހިސާބަށް އައިސް ހަމަޖެހުމާއި އެއްކޮށް އަދި މުޅި ދުނިޔެ ކޮވިޑް ކަހަލަ ކަމެއްގެ ތެރޭގައިވެސް ރާއްޖޭގައި ސުލްހަ މަސަލަސްކަން ހިފަހައްޓަވައިގެން ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސް ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ތަކުލީފުތަކާއި ގެއްލުން ނުވާނެ ގޮތަށް މި މަސައްކަތް މި ކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރިކަމާއި ހެދި" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ 30 އަދި 40 އަހަރު ރާއްޖެ އަށް ނާންނަވަރުގެ ތަރައްގީ ރައީސް ސޯލިހުގެ ސަރުކާރުން މިއަދު ރާއްޖެ އަށް ގެންނަމުން އަންނަ ކަމަށެވެ. އެކަންކަން ކުރަމުން އަންނަނީ ދަރަނި ނަގައިގެން ކަމަށާއި ނަމަވެސް ދަރަނި ނަގަނީ އެ ދެއްކޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.