އިތުރު ވަގުތާއި ނުލާ ލެކްޗަރާ އިންނަށް 29،000 އަށްވުރެ ބޮޑު މުސާރައެއް ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫ ސްކޫލުގެ އަހަރީ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންތަކެއް ތިބުން ކަމަށެވެ. މުދައްރިސުންނަށް ބޭނުންވެ ނުވެހުރި ވަރަށް ގިނަ ބޭނުންތައް މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ފުއްދައި ދެމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ދެންނެވި ފަދައިން، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އިއްޔެ އިން ފެށިގެން ސަރުކާރުން ހެޔޮ ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކުރައްވާ އެކެޑެމިކް ޕްރޮފެޝަނަލުންނަށް ދެން މުސާރަ ލިބޭނީ މިދެންނެވި ހެޔޮ ބަދަލާ އެއްގޮތަށް. ގައުމީ ޔުނިވާސިޓީގެ ލެކްޗާރާއަކަށް ކުރިން ލިބުނީ އިތުރު ވަގުތުގެ މަސައްކަތާއެކު 18،880 ރުފިޔާ. އަޅުގަނޑުމެން މިގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރާއަކަށް، އިތުރު ވަގުތު ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29،982 ރުފިޔާ ލިބޭނެ. މިއީ 59 ޕަސެންޓުގެ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބަދަލުގެ އިތުރު ތަފްސީލުތައް ލަސްތަކެއްނުވެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އާއްމު ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މީހުން ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން އެންމެ އިސްދައުރެއް އަދާކުރާ ތިން މުއައްސަސާގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ހެޔޮ ބަދަލުގެ ނަތީޖާ ރަނގަޅުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.