މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން "އެމްވީ ރަން" ސްޕޮންސާ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި ޓީ.އެފް.ޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާންއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން "އެމްވީ ރަން" ސްޕޮންސާ ކުރުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން، އެ ރަންގެ ބްރޭންޑިން އެމް.ޑަބްލިޔު.އެސް.ސީ އިން އަލަށް ތައާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި، " އާރޯ އެމްވީ ރަން" ގެ ނަމުގައި ޓައިޓެލް ސްޕޮންސާޝިޕް ވަނީ ދީފައެވެ. އަދި، ޓީ.އެފް.ޖީގެ ފަރާތުން އިންތިޒާމްކުރާ ބޮޑު ފަސް ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސޮޕޮންސާ ވެސް އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ވަނީ ނަގާފައެވެ.

"ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމް.ޑަބްލިޔު.އެސް.ށް ލިބޭ ވަރަށް ބޮޑު ފަޙްރަކާއި އުފަލެއް،" ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ އެމްޑީ ޝާހް ވިދާޅުވިއެވެ.

ޓީ.އެފް.ޖީ ގެ ފަރާތުން، 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމްވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެއެވެ. މިއަހަރު "އާރޯ އެމް.ވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ހުޅުމާލޭގައެވެ.

ޖުމްލަ ފަސް ކިލޯ މީޓަރަށް ދުވަން ކަންޑައަޅާފައިވާ އެރަންގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީ.އެފް.ޖީ ގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، 1ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ، 2ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި 3ވަނަ ހާސިލްކުރާ ކޮންމެ ބައިވެރި އަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އަދި އެހެނިހެން އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ "އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް އެމް.ޑަބްލިޔު.އެސް.ސީ އިން ތަޢާރަފް ކުރީ 2022 ނޮވެންބަރުގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.