އުމުރުން 30 އަހަރުގެ ބޮލީވިއާގެ ޖޮނައްޓަން އަކޯސްޓާ އޭނާގެ ހަތަރު ރަހުމަތްތެރިންނާ އެކު އެމޭޒަން ޖަންގައްޔަށް ދިޔައީ ޝިކާރަ ކުރަންވެގެންނެވެ. އެކަމަކު ޖޮނައްޓަންގެ ރައްޓެހިންނަށް، އޭނާ ގެއްލުނީއެވެ. ޖޮނައްޓަަން ބުނީ ޖަންގަލީތެރޭގައި ހޭދަކުރި ދުވަސްތަކުގައި ފެންބޯން ޖެހުނީ ވާރޭފެން ބޫޓަށް އަޅައިގެން ކަމަށެވެ. ކައި އުޅުނީ އެކި ވައްތަރުގެ ފަނި ކަމަށް އޭނާ ކިޔައިދިނެެވެ. ޖޮނައްޓަން ފެނުނީ، އޭނާ ގެއްލުނުތާ މަހެއްހާ ދުވަސް ފަހުން ރަހުމަތްތެރިންނާއި ސަރަހައްދުގައި އުޅޭ މީހުން ކުރި މަސައްކަތުންނެވެ. "މިއީ އަޖައިބެއް، އަހަރެން ގަބޫލެއް ނުކުރެވޭ މީހުން މިހާ ގިނަ ދުވަހު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް،" ރޮމުން ރޮމުން އޭނާ ބުންޏެވެ.

"އަހަރެން ކެއިން އެކި ކަހަލަ ފަނި، އަހަރެން ކެއިން އެކި ވައްތަރުގެ ސޫފާ ސޫފި، މިހުރިހާ ދުވަހު ދިރިހުންނަން އަހަރެން ކުރަން ޖެހުނު ކަންތައް ތި މީހުން ގަބޫލެއްވެސް ނުކުރާނެ،" ޔުނިޓެލް ނަމަކަށް ކިޔާ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޖޮނައްޓަން ބުންޏެވެ.

އާއިލާއިން ބުނީ ޖޮނައްޓަން ގެއްލުނު ގޮތުގެ ހުރިހާ ތަފްސީލެއް އަދިވެސް އެއްކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ސުވާލުތައް ކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ. ސަބަބަކީ އެ ހާދިސާއާށް ފަހު ނަފްސާނީ ގޮތުން އޭނާއަށް އަސަރުކޮށްފައިވާތީއެވެ. ޖޮނައްޓަންގެ ބަރުދަން 17 ކިލޯ އަށް ވަނީ ލުއިވެފައެވެ. އޭނާ ފެނުނު މީހުން ބުނީ، ޖޮނައްޓަން ކަކޫ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ފެނުނު އިރު ޑީހައިޑްރޭޓްވެފައި ކަމަށެވެ. އެކަމަކު ކޮންމެވެސް ވަރަށް އޭނާއަށް ހިނގޭ ކަމަށެވެ.

"ކޮއްކޮ އަހަންނަށް ކިޔައިދިން ގޮތުގައި ހަތަރު ވަނަ ދުވަހު ކަކުލު ފަޅައިގެން ދިއުމުން ފުރާނައަށް ބިރުގަންނަން ފެށި،" ޖޮނައްޓަންގެ އާއިލާގެ މެމްބަރަކު ކިޔައިދިނެވެ. އާއިލާ މެމްބަރު ބުނީ ޖަންގަލީއަށް ޖޮނައްޓަން ދިޔައިރު އޭނާގެ ޝޮޓްގަންގައި ހުރީ އެންމެ ކާޓްރިޖެއް ކަމަށެވެ. "ހިނގާބިނގާވެ އުޅެވެން ނެތް، ޖޮނައްޓަން ހީކުރީ ދެން އެކަކު ވެސް އޭނާ ނުހޯދާނެ ކަމަށް،" ކޮއްކޮ ހޯރަސިއޯ އަކޯސްޓާ ބުންޏެވެ.

ޖޯނައްޓަން ގެއްލުނުއިރު އޭނާގެ އަތުގައި ފްލޭޝް ލައިޓެއް ވެސް ނެތެވެ. އަދި ޖަގުއާއެއް ހިމެނޭ ގޮތަށް ވަލު ޖަނަވާރުތަކާ ވެސް ދިމާވި ކަމަށް އޭނާ ގާތްތިމާގެ މީހުންނަށް ކިޔައިދިނެވެ. ޖޮނައްޓަން ފެނުނީ ހޯދަމުން ދިޔަ ސަރަަހައްދާ 300 މީޓަރު ހިސާބުންނެވެ. މީހަކު ހަލޭއްލަވަމުން އަޑަށެވެ. ހޯރަސިއޯ ބުނި ގޮތުގައި ކޮއްކޮ ފެނުނީ ހަތަރު މީހަކަށެވެ.

"ކޮއްކޮ ފެނުނު ވާހަކަ ބުނަން މީހަކު ދުވެފައި އައީ އެއީ އަޖައިބެއް،" ހޯރަސިއާ ބުންޏެވެ.

ހާދިސާއަށް ފަހު ޖޯނައްޓަން ނިންމީ މީގެ ފަހުން ޝިކާރަކުރުން ޖަންގައްޔަށް ނުދާންށެވެ.