މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި "އިންތިހާބީ މައި މަރުޒަކަށް" ދަރުބާރުގެ ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2023ގެ "އިންތިހާބީ މައި މަރުކަޒު"ގެ ގޮތުގައި ބޭނުން ކުރުމަށް، ދަރުބާރުގެ ދޫކޮށް ދިނުމަށް ޕްލޭނިން މިނިސްޓްރީން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، "އިންތިހާބީ މައި މަރުކަޒު"ގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ބާ ޖަމާލުއްދީނެވެ. ނަމަވެސް އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތް ބާވުމާއި ގުޅިގެން ބާ ޖަމާލުއްދީނު ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމިއެވެ.

https://twitter.com/IsmailHabeeb/status/1630898489650495489?s=20

ރިޔާސީ އިންތިހާބު ބާއްވަން އީސީން ނިންމާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން އީސީން ވަނީ ނިންމައިފައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެއެވެ. އެގޮތުން ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3ވަނަ ދުވަހާއި ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމަށް އޮގަސްޓު 10 އިން ސެޕްޓެމްބަރު 8އާ ހަމައަށް ވަގުތު ދެވޭނެ ކަމަށް އީސީން މީގެކުރިން ވަނީ ބުނެފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 280،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 2018ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ 21،000 މީހުން އިތުރު އަދަދެކެވެ.