ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކޯލިޝަން ހެދުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ގާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެން، ދެއްކެވި ވާހަކަތައް މީޑިއާއަށް ހާމަ ކުރުމަށް ދެކޮޅު ހައްދަވައިފިއެވެ.

ރައީސް އޮފީހުން ނުކުމެވަޑައިގެން، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ކޯލިޝަންގެ ވާހަކަ ދެއްކެވުނު ކަމަށާއި މިހާރު އޮތް ކޯލިޝަން ދެމިއޮތުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށެވެ.

"މި ދެންނެވީ ޕޮލެޓިކަލް ވާހަކަ އަޅުގަނޑުމެން ދެއްކީ މީގެ ތެރޭގައި އަޅުގަނޑުމެން ކޯލިޝަން އޮންނާނެތޯ ނުވަތަ ނޯންނާނެތޯ، މިކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު. އޭގެ އިތުރަކަށް މިވެނިހެންނޭ އަޅުގަނޑުމެން ނިންމީ އެވެނިހެންނޭ ނިންމީ އެ ވާހަަކައެއް ނެތް އަޅުގަނޑުމެންނަށް ނެތް ހާމަކުރެވޭކަށް،" ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާނެތޯ ކުރެއްވި ސުވާލަށް ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގެ ކައުންސިލުން ގޮތެއް ނުނިންމާހާ ހިނދަކު، އޭގެ ކުރިން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުން ރަނގަޅު ނޫން ކަމަށެވެ.

ގާސިމާއި ނަޝީދާ ދެމެދު މިދުވަސް ވަރު އޮތް ގާތް ގުޅުމާ ގުޅޭ ގޮތުުން، ނޫސްވެރިން ކުރި ސުވާލުތަކަށް ގާސިމް ސީދާ ޖަވާބެއް ނުދެއްވިއެވެ.

ރަނިންމޭޓަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ އެކު ރިޔާސީ އިންތިހާބަށް ގާސިމް ނުކުންނަވަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާތީ، ގާސިމް ވިދާޅުވީ "ބަޔަކު ވާހަކަ ދައްކާ ގޮތަށް އަޅުގަނޑަކީ އެއްވެސް އިރެއްގައި ވާހަކަ ދައްކާ[މީހެއް ނޫން]،" ކަމަށެވެ.

ރަނިންމޭޓަކަށް ނަޝީދު ހަމަޖެއްސުމާ ގުޅޭ އެއްވެސް މަޝްވަރާއެއް، އަދި އެއްވެސް ހުށަހެޅުމެއް ލިބިވަޑައިގެންފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ސާލިހު ސަރުކާރާ ކޯލިޝަން ހެދުމަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި، ގާސިމް އެކަމުގެ ނާޖާއިޒް ފައިދާ ނަންގަވައި ރާއްޖޭގެ ބައެއް ރަށްތަކާއި ފަޅުތައް ގާސިމް ހޯއްދަވާފާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ގާސިމް ވިދާޅުވީ "އެބާވަތުގެ އެއްވެސް ކަމެއް ނުހިނގާ، ނުވެސް ދައްކަން" ކަމަށެވެ.