ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފިޔާ ބިސް އަލުވީގެ ފުރަތަމަ ޝިޕްމަންޓު ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯ އިން ބުނީ މި މަސް އެކުންފުނިން ފެށީ ފިޔާ، އަލުވި، އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓާއެކު ކަމަށެވެ. އަދި އެ ތަކެތި މިހާރު ވިއްކަން ފަށާފައިވާ ކަމަށާއި އެތަކެތީގެ އަގުތައް ވެސް ތިރިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން ވަކިން ބިހެއް 1.75 ލާރި އަށް ވިއްކާއިރު ބިސް ކޭހެއް ވިއްކަނީ 320 ރުފިޔާ އަށެވެ. ފިޔާ ކިލޯއެއް 9 ރުފިޔާ އަށް ވިއްކާއިރު ފިޔާ ބަސްތާއެއް 180 ރުފިޔާ އަށް އެ ކުންފުނިން އަންނަނީ ވިއްކަމުންނެވެ. 11 ރުފިޔާ އަށް އަލުވި ކިލޯއެއް ވިއްކާއިރު 250 އަށް އަލުވި ބަސްތާއެއް އަންނަނީ ވިއްކަމުންނެވެ.
ފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމު ގާއިމްކުރެވިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
https://twitter.com/stoplc/status/1630791039513505793?s=20

ރޯދަމަހު އެތަކެތި ބާޒާރުން ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައި އަށް ބަލައިގެން، ޖުމްލަ 6 ޝިޕްމެންޓްއެއް ގެނައުމަށް ރޭވިފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުން ކަމަށާއި އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖް އިން ކަމަށެވެ. އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 5 އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓްގެ ހިދުމަތް ފެށިގެންދާނީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށާއި އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން އަންނަނީ ޒަރޫރީ ބޭނުންކުރާ މުދަލެއްގެ އަގު މާކެޓުގައި މަތިވެގެން އަންނަ ނަމަ އެތަކެތި އިންޓަވީން ކުރަމުންނެވެ. އަދި އެ އަށްފަހު އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް އެކުންފުނިން ކުރާނެއެވެ.