ނިމިގެން ދިޔަ ފޯ ނޭޝަންސް ކަޕުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ މީގެ ކުރިން ފުޓުބޯޅަ ޓީމަށް ސަޕޯޓް ކުރަން ގަލޮޅު ދަނޑުން ނޫނި ނުފެންނަ ފަދަ މަންޒަރެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ނިމިގެން ދިޔަ މުބާރާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ އެއް މުބާރާތެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މެލޭޝިއާއާ ވާދަކޮށް ދިވެހި ފިރިހެން ޓީމު ކެޓި އިރު، އަންހެން ޓީމު ވަނީ ފައިނަލުގައި ސިންގަޕޫރާ ވާދަކޮށް ބަލިވި ނަމަވެސް އުންމީދީ ކުޅުމެއް ދައްކައިފައެވެ. މި މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު މާލޭގެ ޒުވާނުންގެ މަރުކަޒަށް ވަތް އިރު، މިއީ މީގެ ކުރިން ފެނިފައި ނުވާ މަންޒަރެއްކަމަށް މިނިސްޓަރު މަހްލޫފް ވަނީ ސިފަކުރައްވައިފައެވެ.

"އަޅުގަނޑަށް މި މަގާމަށް އާދެވުނު އިރު ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ އިރު ގަލޮޅު ދަނޑުން ނޫނި މި މަންޒަރެއް ނުފެންނާނެ. ބަޔަކު ގަބޫލު ކުރަން ބޭނުންވިޔަސް ނުވިޔަސް. މިއީ ސިޔާސީ ވާހަކައެއްވެސް ނޫން. މިއީ ގައުމީ ވާހަކައެއް،" ރޭގެ މެޗަށްފަހު ހަތާވީސްއަށް ދިން އިންޓަވިއުގައި މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިވަރަށް ވޮލީގެ ފޯރި މި ގެންދެވުނީ ސަރުކާރާއި ވޮލީ އާއިލާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން މި ސަރުކާރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލައިގެން ކުޅިވަރަށް ގެނައި ރަނގަޅު ބަދަލަކީ އެކި ކުޅިވަރުތަކުގައި އޮތް ތަފާތުކުރުން ނައްތާލުން ކަމަށެވެ. އަދި އަންހެން ފިރިހެން ޓީމުތަކަށް ދޭ އިނާމު ފައިސާއާއި އެލަވަންސްތައް ހަމަހަމަކޮށް ހާއްސަކޮށް އަންހެން ކުޅުންތެރިން ކުރިއަރުވަން ކުރެވުނު މަސައްކަތްތައް މަހްލޫފް ފާހަގަ ކުރެއްވިއެވެ.

[caption id="attachment_48368" align="alignnone" width="2560"] ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މިނިސްޓަރ މަހުލޫފް ބައްލަވަނީ—- ހަތާވީސް ފޮޓޯ/ ހާތިމް އިބްރާހިމް[/caption]

މީގެ އިތުރުން މެޗުތަކުން ރާއްޖެ ބަލިވި ނަމަވެސް މި ހަތަރު އަހަރުތެރޭ ޓީމުތަކަށް އައި ކުރިއެރުން ފާހަގަކުރައްވާ މަހްލޫފް ވިދާޅުވީ މިގޮތުގައި ކުރިއަށް ދެވިއްޖެ ނަމަ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ވޮލީއިން މެޑައްޔެއް ހޯދިދާނެ ކަމަށެވެ.

"އިންޑިއަން އޯޝަން އައިލެންޑްގެ ޓީމުތަކަކީ ވޮލީއަށް ވަރަށް ވަރުގަދަ ގައުމުތަކެއް. އަޅުގަނޑުމެންނަށް މިއޮއްހާ ދުވަހު އުންމީދުވެސް ނުކުރަން. އެކަމަކު މިއަދު އުންމީދު އެބަކުރެވޭ އެއީ ވެސް އޮތް ފުރުސަތެއްކަން."