ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރި ފްލެޓުތައް ދޫކޮށް، ތަޅުދަނޑި ހަވާލުކޮށްފިއެވެ.
އެމްޑަބްލިއުސްއެސްސީގެ ފްލެޓުތައް ހިމެނޭ ޓަވަރު ހުންނަނީ ދެ ވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓުތަކުގެ ދެކުނަށެވެ. އެ ތަނުގައި 192 އެޕާޓްމަންޓު ހުރެއެވެ. އެއީ ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 40 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 92 އެޕާޓްމަންޓެވެ.
"މަލަސް ރެސިޑެންސް" ގެ ނަމުން ނަން ދީފައިވާ މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުންވެސް ވަނީ ބައިވެރިވެފައެވެ.
[caption id="attachment_48354" align="alignnone" width="1280"] އެމްޑަބްލިއުއެސްސީ އިން އިމާރާތް ކޮށްފައިވާ އެކުންފުނީގެ ފްލެޓުތައް: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، އެކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމުގައިވެސް ޝާހް ފާހަގަކުރެއްވިއެވެ.
[caption id="attachment_48356" align="alignnone" width="1280"] އެމްޑަބްލިއުއެސްސީގެ ފްލެޓެއްގެ އެތެރެ: މި ފްލެޓުތައް މިއަދު އެކުންފުނީގެ މުވައްޒަފުންނާއި ވަނީ ހަވާލު ކޮށްފައި -- ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]
"މަލަސް ރެސިޑެންސް"ގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއްވެސް ވަނީ ގާއިމްކުރެވިފައެވެ. އެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި 23rd މެޓަލާންޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް' އާއި ހަވާލުކޮށްގެންނެވެ.
އެމްޑަބްލިޔުއެސްސީ އިން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. ފެން ކުންފުނީގެ ހިޔާ މަޝްރޫއުގެ ސަބަބުން އެކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.