ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގައި ތާރު އަޅާ ނިންމާފައިވާ ފުރަތަމަ ތިން ސެގްމަންޓު މި ހަފްތާގެ ތެރޭގައި އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
އަމީނީމަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅާ ނިންމާފައި ވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. ތާރު އެޅި ބައިގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތަކެވެ. އެ މަސައްކަތް ނިމުމުން މި ހަފްތާގެ ތެރޭގައި އާއްމުންނަށް އެ ބައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.
އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ޖާގައެއް ލިބިފައި ނުވާތީ، އަމީނީމަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.