ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެން، ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީ އަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ހުޅުވާލައިފިއެވެ.
އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލިސް އިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު އަދި ޕްރައިމަރީ އަށް ކުރިމަތިލާ ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެދޭ ކަމަށް އެޕާޓީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފޯމު ބަލައިގަންނަމުން ދާނެ ކަމަށް އީސީ އިން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އީސީ އިން ނިންމީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ އަވާހަރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިމަހުގެ 23ވަނަ ދުވަހުއެވެ.
އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.