ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލްއުސްތާޒު އިބްރާހީމް ރިޒާ ނިޔާވުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ރިޒާ ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ކުރު ހުލާސާއެއް މެންބަރުންނަށް އަރުވައިފައެވެ. އެގޮތުން 17ވަނަ ރައްޔިތުން މަޖިލީހާއި 18ވަނަ މަޖިލީހުގެ އިތުރުން މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުން މަޖިލީހުގައި ރިޒާ ކުރައްވަމުން ގެންދެވި އަދި ކޮށްދެއްވި މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ.

އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް އޭނާ ވަޑައިނުގަންނަވައެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކިކަން ޔައުމިއްޔާއަކުން އެނގެން ނެތެވެ.

https://twitter.com/mvpeoplesmajlis/status/1630064264806535173?s=20

އޭނާ ތަމްސީލު ކުރައްވާ ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ، އަދި ކ. މާފުށިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވެސް އަވަހާރަވީ ކެންސަރު ބަލީގައެވެ. އޭނާ އަވަހާރަވުމުން، ބައި އިލެކްޝަނެއް ބާއްވައި، އައު މެމްބަރަކު ވަނީ އިންތިހާބު ވެސްކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭނެއެވެ. އެކަން ބަޔާން ކުރަނީ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައެވެ.

އެ މާއްދާގައި އިތުރަށް ބުނަނީ މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ، އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށެވެ.

މިހާރު އޮތް މަޖިލީހުގެ ދައުރު ހަމާވާނީ އަންނަ އަހަރުގެ މެއި މަހުގެ 28 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށެވެ.