ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން އެކަނި ފައިސާ ގެއްލޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. މޮސްޓާ ވިދާޅުވީ ބީއެމްއެލްގެ އެކައުންޓުތަކުން މިފަހަކަށް އައިސް ގިނަ އަދަދެއްގެ ފައިސާ ގެއްލެމުން އަންނަ ކަމަށެވެ. އަދި އެފަދަ ގިނަ މައްސަލަތައް ދިމާވަނީ ބޭންކުގައި ހުންނަ އާއްމުންގެ ވަރަށް ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބުރަ މަސައްކަތް ކޮށްގެން އާއްމުން ހޯދާ ލާރިކޮޅު ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ގެއްލުމާއެކު އެ މައްސަލަ ބޭންކް އޮފް މޯލްޑިވްސްއާ އަދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ނަމަވެސް އެގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓު ކުރުމުގެ ސަބަބުން ގިނަގުނަ ތަކުލީފުތަކެއް އުފުލަންޖެހޭ ހިނދު، އާއްމު ރައްޔިތުންނަށް ބޭންކް އޮފް މޯލްޑިވްސް އަށް ކުރަންޖެހޭ އިތުބާރު ގެއްލުމާއި އަދި މިފަދަ މައްސަލަތަކުގައި އެހެން ބޭންކުތަކުން މިފަދަ މައްސަލަތައް ކުރިމަތި ނުވެ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އަށް އިނގިލި ދިއްކުރެވޭ މިންވަރަށް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީވެ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލުތަކާއި އިންޓަނެޓު ލިންކު މެދުވެރިކޮށް އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ގޮވާލާ...،" މޮސްޓާގެ ކުއްލި މައްސަލާގައިވެއެވެ.
[caption id="attachment_32701" align="alignnone" width="1140"] ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ / މަޖިލިސް[/caption]
މޮސްޓާގެ އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ މައްސަލަ އަކީ ހަމައެކަނި ދިވެހި ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށާއި އެއީ ބީއެމްއެލް އާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މައްސަލަ އަށް ހައްލެއް ނުލިބި އެއް ދުވަހުން އަނެއް ދުވަހަށް މައްސަލަ ބޮޑުވަމުން އަންނާތީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
[caption id="attachment_19856" align="alignnone" width="1140"] ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ---[/caption]
"ހައްލުވާ ތަނެއް ނުފެނޭ. އެހެންވީމަ މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރި، މިކަމުގައި މިހާރު އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް އިތުރަށް ހަރުދަނާކޮށް ޖެހޭ،" އިލްޔާސް ލަބީބް ވިދާޅުވިއެވެ.
[caption id="attachment_41705" align="alignnone" width="1140"] ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ---[/caption]
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވަނީ އެ މައްސަލަ އަކީ ރާއްޖޭގައި މިވަގުތު އޮތް ވަރަށް ބޮޑު އަދި ރައްޔިތުންގެ ވެސް އެހާމަ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށެވެ. ދާދިފަހުން އެފަދަ މައްސަލަ އެއް މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް ހުށަހެޅި ބެލިގެން ދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލް އެ ދުވަހު ކޮމެޓީ އަށް ހާޒިރުކޮށް ދެކެވުނު ވާހަކަތަކުން އެނގުނީ ބައެއް ކަހަލަ މައްސަލަތައް ދިމާވަނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންކަން ހާމަވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެ މައްސަލަ އަކީ ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން ޝިޔާމް ވަނީ ތަހުގީގީ އިދާރާތައް ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.