ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ނުލައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ގާސިމް ވަނީ އެ ޖަލްސާގައި ނަޝީދަށް ތައުރީފް ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ އެންމެ އެކަށީގެންވާ ތަޖުރިބާ ލިބިވަޑައިގެންފައި ނެތުމުން ނަޝީދަށް "މިސްޓޭކް" އެއް ހެއްދެވުނު ކަމަށެވެ. ބެލެވޭ ގޮތުގައި ގާސިމް އިޝާރާތް ކުރެއްވި 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމާއެވެ. އެ "މިސްޓޭކް" އިން މިހާރު ކަންތައްތައް ރަނގަޅުވެފައި ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ނަޝީދަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވިއެވެ. އެއަށް ފަހު އެމްޑީޕީ އުފެއްދުމުގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ނަޝީދާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފަހުރުވެރިކަމާއެކީގައި މިބުނަން އެމްޑީޕީ މަނިކުފާނާ ނުލައި އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން،" ގާސިމް ވިދާޅުވިއެވެ.

[caption id="attachment_48308" align="alignnone" width="1280"] ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި ގާސިމް އިބްރާހިމް: ނަޝީދަށް ތައުރީފު ކުރެއްވި-- ފޮޓޯ/ ޖުމްހޫރީ ޕާޓީ[/caption]

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރަން ޖޭޕީގެ ކޮންގްރެސް ވަނީ ފާސްކޮށްފައެވެ. ވެރިކަމަށް ވަޑައިގެންފިނަމަ ވިޔަފާރިވެރިން ނިކަމެތިވެދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށްވުރެ ބޮޑަށް "އިންޓްރެސްޓު" އޮތީ ރާއްޖޭގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރާ މަސައްކަތްތަކަށް ތަރުހީބު ދީ އެކަންތައްތައް ކުރިޔަށް ގެންދިޔުން ކަމަށެވެ.

"އަޅުގަނޑު ކޮންކަމަކާތޯ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަންނަ އަޅުގަނޑު މަސައްކަތް ކުރަންވީ, ކޮން އެއްޗަކަށް ހަދަންތޯ, ކޮބައިތޯ ކޮން އެއްޗެއްތޯ އަޅުގަނޑަށް ނެތީ،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިޔަމުން ގާސިމް ވަނީ މީހުންގެ ހައްގުތައް އަތުން ބީވެގެން ދާއިރު ސަރުކާރަށް ޑިސިޝަން ނުނެގޭ ކަމަށްވާނަމަ އެއް ކޯޓުން އަނެއް ކޯޓަށް ދިޔުމަކީ ކުރަން ޖެހޭ ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

"މިއީ ކުރަންޖެހޭ ކަމެއްތޯ. ނޯ އަޅުގަނޑު ގަބޫލެއް ނުކުރަން. ސަރުކާރަށް ސާބިތުވާ ކަމަށްވަންޏާ ރަނގަޅަށް ބަލައިފަ އެކަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ގާނޫނުން ލިބިދީފައި ވާނެ. ކެރިގެން ޑިޓާމިނޭޝަނާ އެކީގައި މަސައްކަތް ކުރުމުގައި ގޮތް ބާވަތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.