ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޓަވަރުތައް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކްއާ ގުޅާލައިފިއެވެ.
އެޗްޑީސީ އިން ބުނީ އެމްޑަބްލިއުއެސްސީގެ އެޕާޓްމަންޓްތަކުގެ ވެރި ފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅާ ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނޭ ނިޒާމް ގާއިމްކުރެވިފައި ވާނެ ކަމަށެވެ.
އެ މަސައްކަތުން ލިބޭ ފަސޭހަތައް ގިނަކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަންވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް މަދު ކުރެވިފައިވާނެ ކަމަށް ވެސް ބުންޏެވެ.
އޯޕަން އެކްސެސް ނެޓްވޯކް އާއި އެކު އެކި ހިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަން ކެނޑެން ދިމާވާ ހާލަތްތައް މަދުކުރެވުނު ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެކަމުގެ ހެއްކެއްގެ ގޮތުގައި އޯޕަން އެކްސެސް ނެޓްވޯކްގެ އަޕްޓައިމް ވޭތުވެދިޔަ އަހަރު ތެރޭގައި 100 ޕަސެންޓުގައި ހުރި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެއީ ކުރިއާލާ ރާވައިގެން ކުރިއަށްގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯކް ޙިދުމަތް މެދުނުކެނޑުމެވެ.
އެޗްޑީސީ އިން ބުނީ ފޭސް ދޭއެއްގައި އިމާރާތް ކޮށްފައިވާ 7000 ހިޔާ ފްލެޓާއި ސްޓެލްކޯގެ ބްލޫ ރިޖާއި އެމްއޭސީއެލްގެ ހިޔާ ފްލެޓަށް ރައްޔިތުން ބަދަލުވިއިރު އެޗްޑިސީގެ ސްމާޓްކޮމް ޓީމުން އެއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކްއާ ގުޅާލައި އެޕާޓްމެންޓްތަކުގައި އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އެޗްޑީސީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބަށްޓަން ކުރެވިފައި ވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުމާލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުމަށް ކަމަށެވެ.