ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަ ކުރެއްވި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފިއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި އިންތިހާބު ކުރަނީ ފަސް ބޭފުޅުންނެވެ. ހުކުރު ދުވަހު ދަރުބާރުގޭގައި ފެށި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޑެޕިއުޓީ ލީޑަރުން އިންތިހާބު ކުރުމުގެ ސިއްރު ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ވޯޓުގައި ކޮންފަރެންސްގައި ބައިވެރިވި 680 މަންދޫބުން ވަނީ ވޯޓުލާފައެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ވޯޓުލާން ފަށައި، އެ ދުވަހުގެ ހަވީރުން ފެށިގެން ވޯޓު ގުނަން ފެށި ގޮތަށް ރޭ ފަތިސްވަންދެން ވެސް ވޯޓު ގުނުން ކުރިއަށްދިޔައެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހަމައެކަނި އިންތިހާބުވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެކަންޏެވެ.

އިންތިހާބުން ނާކާމިޔާބުވި ސަރުކާރުގެ އިސް ބޭފުޅުން:

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ)
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުގުނީ،

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވި ބޭފުޅުން:

ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް
އަހުމަދު ސައުދު، އދ. މާމިގިލި، ހެވަން
އިގްބާލް އާދަމް، މާލެ ސިޓީ، ގަލޮޅު ވަށަފަރު
ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު

ތިން ދުވަހަށް ދެމިގެންދިޔަ މި ކޮންފަރެންސްގައި ޖޭޕީގެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން ޖޭޕީ ކައުންސިލްގެ 25 މަގާމަކަށް 65 ބޭފުޅުން ވާދަކުރެއްވިއެވެ. އަދި އަންހެނުންގެ ލީގުގެ ރައީސްގެ މަގާމަށާއި ނައިބު ރައީސްގެ އިތުރުން އަންހެނުން ލީގަށް މެމްބަރުން އިންތިހާބު ކުރުން ވެސް ކޮންފަރެންސްގައި ކުރިއަށް ގެންދިޔައެވެ.