ރާއްޖެ އަށް ބޭނުން ވަނީ ކްރައިސިސް މެނޭޖަރެއް ނޫން ކަމަށާއި ބޭނުންވަނީ ގައުމު ލީޑަރު ކުރާނެ ލީޑަރެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

"މި ގައުމަށް ހަމައެކަނި ބޭނުންވަނީ ކްރައިސިން މެނޭޖު ކުރާނެ މެނޭޖަރެއް ނޫން. މިގައުމަށް ބޭނުންވަނީ ލީޑަރެއް. މި ގައުމު ލީޑަރު ކުރާނެ މީހެއް ބޭނުންވަނީ. ކަންކަން މެނޭޖުކުރުމާއި ގައުމެއް ލީޑުކުރުމަކީ ވަރަށް ތަފާތު ދެކަމެއް،" ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބަހުސްގައި އަލީ ވިދާޅުވިއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ޖޭޕީގެ ގައުމީ ކޮންފަރެންސުގައި ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާ ގުޅޭ ގަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްޅޯއެވެ.

[caption id="attachment_48231" align="alignnone" width="1024"] ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާއި ގުޅޭ ގޮތުން އެޕާޓީގެ ގައުމީ ކޮންފަރެންސަށް ގަރާރު ހުށަހެޅުއްވި އަބްޅޯ: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]

އެ ގަރާރުގެ ބަހުސް ފެއްޓެވިއިރު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ގަރާރަށް ބަހުސް ކުރަން ޖާގަ ދިނުމުގެ ކުރިން ކޮންފަރެންސްގެ މަންދޫބުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅުނު ގަރާރުގެ ބަހުސަކީ ދިވެހި ރައްޔިތުންނާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހާނެ ބަހުސެއް ކަމަށެވެ. އެހެންނަމަވެސް ބަހުސް ކުރައްވާ ފަރާތްތަކުން ބަހުސް ކުރައްވަން ވާނީ ވަރަށް ކެތްތެރިކަމާއި އަހުލާގާއި ސުލޫކުގެ ތެރެއިން ކަމަށާއި އެއްވެސް މީހެއްގެ އަބުރަށް އަރައިގަނެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މާޒީގެ ވާހަކަތައް ދައްކާ ރައްޔިތުންގެ ހިތުގައި ފިތުނަ ފަސާދަ އުފެދޭ ކަންކަން ކުރެވޭނެ އެއްވެސް ޖާގައެއް އަޅުގަނޑަށް ނުދޭނެ،" ގާސިމް ވިދާޅުވިއެވެ.

ގަރާރު ހުށަހަޅުއްވަމުން އަބްޅޯ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޖޭޕީއާ ނުލާ އެއްވެސް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކާއެކު ޖޭޕީން ކޯލިޝަން ހަދަނީ އެ ސަރުކާރެއްގެ ތެރެއިން ޖޭޕީގެ ސިޔާސަތުތައް ވެސް ތަންފީޒު ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް އެއްބަސްވެ އިގުރާރުވެގެން ކަމަށް ގަރާރުގައިވެއެވެ. އެހެންނަމަވެސް އާރާއި ބާރު ލިބުމުން އެއްބަސްވެ އިގުރާރުވާ ޕަސެންޓޭޖު ސަރުކާރުގެ ތެރެއިން ނުލިބޭ ކަމަށް އެ ގަރާރުގައިވެއެވެ.

[caption id="attachment_48230" align="alignnone" width="1024"] ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ނިކުތުމާއި ގުޅޭ ގޮތުން, އެޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅުނު ގަރާރަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ކުރިން އެޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]

އެ ގަރާރަށް އެންމެ ފުރަތަމަ ބަހުސް ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. ގަރާރަށް ބަހުސް ކުރައްވަމުން ސަމީރު ވެސް ވަނީ ވޭތުވެދިޔަ ސަރުކާރުތަކުގައި ޖޭޕީއާ މެދު އަމަލުކުރި ގޮތުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެހެންނަމަވެސް 2018ވަނަ އަހަރު އުފެދުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މީގެކުރިން ޖޭޕީއަށް ޖެހުނު ހާލަތު ނުޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ކޮންފަރެންސަށް ހުށަހެޅުނު ގަރާރަށް ޖޭޕީގެ ކައުންސިލުން ގޮތެއް ނިންމަން ވާނީ މި ސަރުކާރުން ކުރެވުނު ކަންތައްތަކާއި ކޮވިޑްގެ ދަތި ހާލުގައި ގައުމު މެނޭޖު ކުރައްވަމުން ގެންދެވި ގޮތާއި މެދު ވެސް ވިސްނާލަން ޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ 15 އަހަރު ވަންދެން ބަޔަކު ޖެހިހާ ބެރަކަށް ނެށިއްޖެ ކަމަށާއި ދެން އޮތީ "ހަމަ ޖެހުން" ކަމަށެވެ. ރާއްޖެ އަށް ބޭނުންވަނީ "ކްރައިސިސްއެއް" މެނޭޖު ކުރަން އެނގޭ ބޭފުޅެއް ނޫން ކަމަށާއި މިގައުމަށް ބޭނުންވަނީ ގައުމު ކުރިޔަށް ގެންދާނެ ލީޑަރެއް ކަމަށް އަލީ ވިދާޅުވިއެވެ.