"އެއީ ވިޔަފާރި ކުރަން ފިހާރައަށް ވަތް ކަސްޓަމަރެއް. އަތަރު ފުޅިއެއް ގަންނަން ވެގެން، ކައުންޓަރުމަތީ އެ ފުޅި ވެސް ބޭންދި. އެ ސޮރަށް ހަމަލަދޭން ފިހާރައަށް ވަދެގަތީ ހެލްމެޓް އަޅައި، މޫނު ވެސް ނިވާކޮށްގެން ތިބި ދެ މީހުން،" ކަން ހިނގާފައިވާ ގޮތް އެނގޭ މީހަކު "ހަތާވީސް އޮންލައިން"އަށް މިރޭ ކިޔައިދިނެވެ.
މާފަންނު ބީޖީ ގަރާޖު ސަރަހައްދުގައި ހުންނަ "ކްރާސާ" ފިހަރާއިން ވިޔަފާރި ކުރަން އުޅުނު 30 އަހަރުގެ ޒުވާނާއަށް ހަމަލާދިނީ އޭނާގެ ފަސްފަހަތުން ފާރަލައިގެންނެވެ. ލޮކޭޓް ކޮށްގެންނެވެ.
ފިހާރަ ތެރޭގައި މާރާމާރީ ހިންގި މަންޒަރު އެތަނުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ. ހަމަލާދިން ވަގުތު ފިހާރައިގައި ތިބީ އިންޑީއާ ދެ މީހުންނެވެ. އެއީ އެތަނުގައި މަސައްކަތް ކުރާ މީހުންނެވެ. އިތުރު އަންހެނަކު ވެސް އެ ވަގުތު އެ ފިހާރައިގައި އުޅުނު ކަމަށްވެއެވެ.
[caption id="attachment_48196" align="alignnone" width="1024"] މާރާމާރީ ހިންގި ފިހާރައިން ތަހުގީގަށް ބޭނުންވާ ފުލުހުން އެއްކުރަނީ: މާރާމާރީ ހިންގީ "ކްލާސާ" ނަމަޔަށް ކިޔާ ފިހާރައެއްގެ ތެރޭގައި-- ހަތާވީސް ފޮޓޯ / ޙުސައިން ޙަސަން[/caption]
މޫނު ނިވާކޮށްގެން ތިބި ދެ މީހުން ފިހާރައަށް ވަދެ، ޒުވާނާ ޒަހަމްކޮށްލާފައި ވަނީ "މަރާލުމުގެ ބޭނުމުގަ"އެވެ. އެ ހަމަލާގެ ސީސީޓީވީ ފޫޓޭޖު ބެލި މީހަކު "ހަތާވީސް" ބުނީ އެހެންނެވެ. ވަޅީގެ ހަމަލާ އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އެ ޒުވާނާގެ ބަނޑަށެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައި ހުއްޓެވެ.
އޭނާ ޒަހަމްވެގެން ބިންމައްޗަށް ވެއްޓިފައި އޮތީ ވަޅިއަކާ ވެސް އެކުގައެވެ. އެ ވަޅި އޮތީ އޭނާގެ އުނަގަނޑުގައި އަޅާފައިވާ ބެލްޓާ އެކު ހަރުކޮށްފައެވެ. އެހެންކަމުން އެ ވަޅިއަކީ އޭނާ ގެންގުޅޭ އެއްޗެއް ކަމަށް ބެލެވެއެވެ.
މަރުގެ ހަމަލާ އޭނާއަށް ދިން މީހުން ވަނީ ފިލާފައެވެ.
މަންޒަރު ދުއް ބައެއް މީހުން "ހަތާވީސް އޮންލައިންް"އަށް ކިޔައިދިން ގޮތުގައި ޒަހަމްވި ޒުވާނާއަށް ފުރަތަމަ އެހީވާން ފެށީ އެ ފިހާރަ ދޮށުގައި ތިބި "ބޭރު ދޮންމީހުން"ނެވެ. ފިހާރަ ހިންގާ އިމާރާތުގައި ގެސްޓްހައުސްއެއް ހިންގައެވެ. ޒުވާނާއަށް އެހީވާން ފެށި ބޭރު މީހުންނަކީ އެތަނުގައި އުޅޭ ބައެކެވެ.
"ފުލުހުންނަށް އަންނަންދެން ފިހާރައިގެ ދޮރުގައި ހިފަހައްޓައިގެން އަހަރެން ހުރީ. ދޮން މީހުން މި ބުނަނީ ތިމަންނަ ވައްދާށޭ، ތިކަން އެނގޭ[ފަސްޓްއެއިޑް] މީހެކޭ ތިމަންނާއަކީ. އަހަރެން އެ މީހުން އެތެރެއަށް ވެއްދީމަ ފަސްޓްއެއިޑް ދޭން އެ މީހުން ފެށީ،" ބީޖީ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ބީޖީ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނަނީ އެ މާރާމާރީއަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ގުޅުމެއް އޮތް މާރާމާރީއެއް ނޫން ކަމަށެވެ. ޒަހަމްވި ޒުވާނާއަކީ އެ ސަރަހައްދުން ފެންނަ މީހެއް ނޫން ކަމަށެވެ. އަދި ހަމަލާދިން މީހުންނަކީ ވެސް އެ ސަރަހައްދާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.
[caption id="attachment_48188" align="alignnone" width="1024"] މާރާމާރީ ހިންގި ސަރަހައްދު ބަންދުކޮށްފައި: ޒުވާނާގެ އެތަން މިތަނަކަށް ވަޅި ހަރާފައިވޭ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
އެނގިފައިވާ ގޮތުގައި ޒަހަމްވި ޒުވާނާއަކީ ބާ އިންޖީނުގެ ސަރަހައްދުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ ޒުވާނެކެވެ.
މި މާރާމާރީއަކީ މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅުން އޮތް މާރާމާރީއެކެވެ.
މި މާރާމާރީތަކާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އަދި އެއްޗެއް ނުބުނެއެވެ. އަދި ޒަހަމްވި ޒުވާނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ވެސް ރަސްމީކޮށް ބަހެއް އަދި ނުބުނެއެވެ.