ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ހޯދައި ދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އޮތީ "ފޫގަޅާލައިގެން" ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީއޭ އިން މިއަދު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމީ އެޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައެވެ. ޖުމްލަ 39 މެންބަރުން ބައިވެރިވި އެބައްދަލުވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެހެން ހުރިހާ މެންބަރުންނެއް ވޯޓު ދެއްވީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.

އެ ބައްދަލުވުމަށްފަހު އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނާއިބު ލީޑަރު ޑރ. އާއިޝަތު ރަފިއްޔާ މިއަދު ވިދާޅުވެއްޖެއެވެ. ވަނީ ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވާ ގޮތާއި އަދި އިގްތިސޯދު މެނޭޖު ކުރައްވަމުން ގެންދަވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ހާއްސަކޮށް ކޮވިޑް19 ގެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ އިގްތިސޯދު މެނޭޖު ކުރެއްވި ގޮތް ރަފިއްޔާ ފާހަގަކުރެއްވިއެވެ.

"ތިން އަހަރު މި ދިޔައީ އެއް ކަމެއްވެސް ނުކުރެވި ރާއްޖޭގައި. އެހެންނަމަވެސް އަޅުގަނޑަށް ހަމަ އެކި ރަށްރަށުން ވެސް އެބަހުރި ހަމަ ވިދާޅުވެފައި ކުޑަ ރަށެއް މެދު ރަށެއް ބޮޑު ރަށެއް ނުބައްލަވާ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅާގެ ވައުދުތައް ގާއިމް ކުރެއްވި ކަމަށް،" ރަފިއްޔާ ވިދާޅުވިއެވެ.

[caption id="attachment_48173" align="alignnone" width="2057"] އެމްޑީއޭގެ ނައިބު ލީޑަރު ޑރ. ރަފިއްޔާ: ގައުމަށް ގެނެސްދީފައިވާ ހަމަޖެހުމަށް ރައީސަށް ތައުރީފު ކުރެއްވި-- ހަތާވީސް ފޮޓޯ / ޙުސައިން ޙަސަން[/caption]

އެހެން ބޭފުޅުންނާއި ހިލާފަށް ރައީސް ސޯލިހަކީ ވަރަށް މަޑުމައިތިރި ބޭފުޅެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މެގަ ޕްރޮޖެކްޓުތަކެއް ހިންގަމުން އަންނަ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން ރައީސް ސޯލިހު "ރިއެކްޓު ނުކުރައްވާ" ކަމަށް ވިދާޅުވާތީ އެކަމަށް ރައްދު ދެއްވާ ރަފިއްޔާ ވަނީ ކުރައްވަން ޖެހޭ ތަންތަނުގައި ރައީސް "ރިއެކްޓު" ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ހަމަ މިތިބީ ފޫގަޅާލައިގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ނިކުމެ ރައީސަށް އިތުރު ފުލް ފޯސްގައި މަސައްކަތް ކޮށްދިނުމަށް،" ރަފިއްޔާ ވިދާޅުވިއެވެ.

އެމްޑީއޭ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ނިންމާފައިވާ ނިންމުން އަނބުރާ ގެންދެވުމުންނެވެ. އެ ނިންމުން ސިޔާމް އަނބުރާ ގެންދެވީ މިދިޔަ ބުދަ ދުވަހުއެވެ.

އެމްޑީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭގެ ގައުމީ މަޖިލިސް އިން މިއަދު ނިންމާފައިވާ ކަމަށެވެ.