މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.
އެމްޑީއޭ އިން މިގޮތަށް ނިންމިއިރު އެޕާޓީ އިން އިއްޔެ ވަނީ ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އެމްޑީޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެޕާޓީގެ ލީޑާޝިޕުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމީ އެޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައެވެ. ޖުމްލަ 39 މެންބަރުން ބައިވެރިވި އެބައްދަލުވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެހެން ހުރިހާ މެންބަރުންނެއް ވޯޓު ދެއްވީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.
އެމްޑީއޭ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ނިންމާފައިވާ ނިންމުން އަނބުރާ ގެންދެވުމުންނެވެ. އެ ނިންމުން ސިޔާމް އަނބުރާ ގެންދެވީ މިދިޔަ ބުދަ ދުވަހުއެވެ.
އެމްޑީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭގެ ގައުމީ މަޖިލިސް އިން މިއަދު ނިންމާފައިވާ ކަމަށެވެ.
https://twitter.com/SecretariatMDA/status/1629108905040130050?s=20
މިއީ އެމްޑީޕީއާއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ނިންމި ދެވަނަ ޕާޓީއެވެ. އެގޮތުން މިހާރުވެސް ރައީސް ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީ އިން ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ.
ރައީސް ސޯލިހު ވަނީ ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް އެހެން ޕާޓީތަކަށް ވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވައިފައެވެ. ނަމަވެސް އަދި އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކުން އެކަމުގައި ގޮތެއް ނުނިންމައެވެ.