ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއެކު ކުރިޔަށް ދިޔަ ބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ. އަދި ދެފަރާތުން ބޭނުންވާ ކަންކަން އެ ބައްދަލުވުމުގައި ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީއޭ އިން މިއަދު ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ވެސް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ. އެމްޑީޕީގެ ފަރާތުން އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
ޕީޕީއެމް އާއި އެމްޑީޕީއާއެކު އެމްޑީއޭ އިން ބޭއްވި ބައްދަލުވުންތަކުގައި އެޕާޓީގެ ފަރާތުން އެޕާޓީގެ ނާއިބު ލީޑަރު އަލީ މައުރޫފާއި އާއިޝަތު ރަފިއްޔާ އަދި ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސިޔާމް ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ. އަދި އެޕާޓީ އިން ވަނީ ރިޔާސީ އިންތިހާބުގައި އިތުރު ޕާޓީއަކާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ. އެކަމަކު ކޯލިޝަން ހަދާނީ ކޮން ޕާޓީއަކާއި އެކު ކަމެއް އަދި ނުނިންމައެވެ.