ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ "ހިޔާ ފުލެޓް"ތަކުގައި ދިރިއުޅޭ ފަރާތްތަކުން ގަވާއިދާ ހިލާފު އަމަލުތައް ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން މިއަދު ބުނީ ހިޔާ ފްލެޓުތުތައް ހުންނަ ސަރަހައްދަކީ އެންމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދު ކަމަށެވެ. އެހެންކަމުން، އެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެގޮތުން އިމާރާތުގެ ސްޓަރަކްޗާ އަށް ގެއްލުންވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށާއި އަދި އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް އުސޫލުތަކެއް ހެދިފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ. އެގޮތުން، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯ ކަނޑައެޅިފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
"ނަމަވެސް، އެކި ފަހަރު މަތިން މި ކޯޕަރޭޝަންގެ ފަރާތުން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި މި އުސޫލުތަކާއި ޤަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ މި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައެވެ،" އެޗްޑީސީ އިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އެފަދަ ކަންކަން މަނާ ކުރެވިފައި ވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އެގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައިވާނެ ކަމަށެވެ.
އަދި މިހާރުވެސް އެކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ގަވާއިދާ އުސޫލުތަކުގެ ތެރެއިން އަޅަމުން ގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުން ކަމަށާއި އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމު ކަމަށެވެ.