މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)އާއެކު ފަށައިފިއެވެ.

އެ ބައްދަލުވުން އޮތީ އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް)ގެ އޮފީސް ސަން ސިޔާމް ބިލްޑިންގައެވެ. އެމްޑީޕީގެ ފަރާތުން އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އެމްޑީއޭގެ ފަރާތުން އެޕާޓީގެ ނާއިބު ލީޑަރު އަލީ މައުރޫފާއި އާއިޝަތު ރަފިއްޔާ އަދި ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މާދަމާ އޮންނަ އެމްޑީއޭގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް މައުރޫފު އިއްޔެ "ހަތާވީސް" އަށް ވިދާޅުވިއެވެ.

https://twitter.com/SecretariatMDA/status/1628678146626322438?s=20

މީގެކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސިޔާމް ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ. އަދި އެޕާޓީ އިން ވަނީ ރިޔާސީ އިންތިހާބުގައި އިތުރު ޕާޓީއަކާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ. އެކަމަކު ކޯލިޝަން ހަދާނީ ކޮން ޕާޓީއަކާއި އެކު ކަމެއް އަދި ނުނިންމައެވެ.

“މިވަގުތު އަޅުގަނޑުމެންނަށް ހުށަހެޅުމެއް ލިބިފައި އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ. އެއީ ރަސްމީކޮށް ލިބިފައި އޮތް ހުށަހެޅުމެއް. އެހެންނަމަވެސް އެހެން ބައެއް ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ ވެރިން އަޅުގަނޑުމެންގެ ލީޑަރަށް ގުޅުއްވަމުން އެބަ ގެންދަވާ،” މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިހާރު ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކަށް ވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތު ދެއްވައިފައެވެ. އެ ދައުވަތު ގަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމި ފުރަތަމަ ޕާޓީ އަކީ އަދާލަތު ޕާޓީއެވެ.