ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް އޭނާ ވަޑައިނުގަންނަވައެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކިކަން ޔައުމިއްޔާއަކުން އެނގެން ނެތެވެ.

ރިޒާ ވަނީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ.

އޭނާ ތަމްސީލު ކުރައްވާ ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ، އަދި ކ. މާފުށިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވެސް އަވަހާރަވީ ކެންސަރު ބަލީގައެވެ. އޭނާ އަވަހާރަވުމުން، ބައި އިލެކްޝަނެއް ބާއްވައި، އައު މެމްބަރަކު ވަނީ އިންތިހާބު ވެސްކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭނެއެވެ. އެކަން ބަޔާން ކުރަނީ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައެވެ.

އެ މާއްދާގައި އިތުރަށް ބުނަނީ މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ، އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށެވެ.

މިހާރު އޮތް މަޖިލީހުގެ ދައުރު ހަމާވާނީ އަންނަ އަހަރުގެ މެއި މަހުގެ 28 އަށެވެ.