"މަސްތުވާތަކެތީގެ މައްސަލަ ގައުމުގައި އޮތް ހާލަތު ދެނެގަތުމަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތް،" ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް މަސްތުވާތަކެތީގެ ހާލަތު ބަޔާންކޮށް ދިނީ މި ޖުމްލައިންނެވެ. މިވީހާ ދުވަހެއްވިއިރު އެންޑީއޭ އަކީ ހަމައެކަނި އިމާރާތެއްގައި ހަރުކޮށްފައި ހުރި ބޯޑެކެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ކުރެވުނު ކަމެއްވެސް ނެތެވެ. އެ މުއައްސަސާގެ ނުކުޅެދުންތެރިކަން އެންމެ ބޮޑަށް ފާޅުވީ ލޮކްޑައުން ތެރޭގައެވެ. މަސްތުގެ ވަބާގައި ޖެހުނު މީހުން މަގުމަތިވެ އެކި ދިމަ ދިމާލަށް ތިބީ ބިއްޖެހިފައެވެ. ފަރުވާއެއް ނުލިބި ގޮތް ހުސްވެ މާލެ ތެރެއަށް ގިނަވިއެވެ. މީހުންގެ ފުރުއްސާރައާ ނަފުރަތު އެންޑީއޭއަށް އޮތީ އަމާޒުވެފައެވެ. "މީ ކީއްކުރާ ތަނެއްހޭ" ކިޔައި އެތައް ބަޔަކު ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.

"މިދިޔަ ދޮޅުއަހަރަށް ބަލާއިރު ކަންތައްތަކެއް ކުރެވިއްޖެ" 2021 ވަނަ އަހަރު އެންޑީއޭގެ ޗެއާމަނަކަށް ހަމަޖެއްސި ޝަމާއު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަ ފެށީ މި ހިސާބުންނެވެ. އެއަށް ފަހު ޝަމާއު ކިޔައިދެއްވީ އެންޑީއޭ އިސްލާހުކުރަން ކުރަން ކުރެވުނު މަސައްކަތެވެ. ވަރަށް ބައިވަރު މަސައްކަތެވެ. މި ރިޕޯޓުގައިވެސް ނުލިޔެވެހާވެސް ގިނަ ވާހަކައެވެ.

[caption id="attachment_48071" align="aligncenter" width="1140"] އެންޑީއޭއިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި[/caption]
ސިސްޓަމް ރިވިއު
ޝަމާއު ވިދާޅުވީ މިދިޔަ އަހަރު ކުރެވުނު ބޮޑެތި މަސައްކަތްތަކަކީ މުޅި ސިސްޓަމް ރިވިއު ކުރުން ކަމަށެވެ. އެންޑީއޭ ހިނގަމުން ދިޔަ ގޮތާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގޭ ހުރިހާ އޮޕަރޭޝަން ހިނގަމުން ދިޔަ ގޮތް ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން މަޖިލީހާ، ކޮމިޓީތައް އަދި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) ދީފައިވާ ރިކޮމެންޑޭޝަންތަކާއި އަދި ބައިނަލްއަގްވާމީ އެކި އެކި ޕޮލިސީތައް ބަލައި ދިރާސާ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ހުރިހާ އެއްޗެއްގެ މައްޗަށް ބިނާކޮށް މަސައްކަތް އެކުލަވާލީ ސަރުކާރުން އެންމެ މުހިއްމު އެއް ނިންމުމަކަށް ނިންމެވި ސިއްހީ ނަޒަރަކުން ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ގޮތަށް ޑްރަގުގެ މައްސަލައަށް ހައްލެއް ހޯދުމަށް" ޝަމާއު ވިދާޅުވިއެވެ.

[caption id="attachment_48069" align="aligncenter" width="1600"] އެންޑީއޭއިން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން[/caption]

އޭނާ ވިދާޅުވި އެންޑީއޭ ބޯޑު ބަދަލުކޮށް ރިވިއު ޓީމެއް އެކުލަވާލެވުނު ކަމަށެވެ. ބައިނަލްއަގްވާމީ ކޮންސަލްޓެންޓުންގެ އެހީތެރިކަންވެސް ހޯދިއެވެ. "ފާހަގަކޮށްލަން މި ދާއިރާގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު. އޭގެ ނަތީއްޖާއެއްގެ ގޮތުން އެކުލަވާލެވުނު ޑޮކިއުމެންޓަކީ މި ޒަމާނަށް ފެތޭ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ޕްލޭނެއް" އެންޑީއޭއިން މި ފަހުން އެކުލަވާލީ ޕްލޭނާ ގުޅޭ ގޮތުން ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ބެލުމަށް "ސިޓުއޭޝަން އެނާލިސިސް" އެއް ހަދާފައިވާ ކަމަށެވެ. އެ މައުލޫމާތުތަކުގެ އަލީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިދުމަތްދޭން ހުރި އޮޕްޝަންތަކަކީ ކޮބައިކަން ދެނެގަނެ "ފެސިލިޓީ މެޕިން" އެއް ވަނީ އެކުލަވާލާފައެވެ. އަދި އެކުގައި މަސައްކަތްކުރަން ބައެއް މުއައްސަސާތަކާއި އެސްއޯއީތަކާއި އެކު އެއްބަސްވުންތައް އެކުލަވައިލެވުނު ކަމަށް ވިދާޅުވިއެވެ.
"އިސްލާހުކުރަންވީ ކަންތައް ފެނިއްޖެ"
އެންޑީއޭ އިން ބުނީ ހެދި ދިރާސާތަކުން އިސްލާހުކުރަންވީ ކަންތައްތައް ފާހަގަވެފައިވާ ކަމަށެވެ. ފަރުވާއަށް ފަހު ނުކުންނަ މީހުން މާ ގިނަ ދުވަހު ސާފުކަންމަތީ ނުތިބޭކަން ފާހަގަކޮށް އެންޑީއޭން ބުނީ އެކަމަށް އެޑްރެސްކުރަން ރީއިންޓަގްރޭޝަން ޕްރޮގްރާމްރތައް ހިންގަން ފަށާފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑްރަގު ކައުންސިލަރުންނާއި އަދި މެންޓަލް ހެލްތް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގުނު ކަމަށް ޝަމާއު ވިދާޅުވިއެވެ. "މިދޔަ ދޮޅުއަހަރަކީ އެންޑީއޭގައި އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގުނު ދޮޅު އަހަރު" އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގިފައިވާ ކަމަށް ވިދާޅުވިއެވެ.

އެންޑީއޭ އެކަނި އިސްލާހުކޮށްގެންނުވާނެ
ޝަމާއު ދެކިވަޑައިގަންނަވާ ގޮތުން ހަމައެކަނި އެންޑީއޭ އިސްލާހުކޮށްގެނެއް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުގެނެވޭނެއެވެ. މުޅި ދާއިރާ އެއްކޮށް އެއް ހަމައެއްގައި ކޮޅަށް ޖަހަން ޖެހެއެވެެ. ޑްރަގު ކޯޓުގެ ސިސްޓަމް އިސްލާހުކޮށް ބަދަލުތައް ގެންނަން ޖެހެއެވެ. ރާއްޖޭގެ ޑްރަގް ކޯޓާއެކު އޮސްޓްރޭލިއާގެ ޑްރަގް ކޯޓުން ދަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެންޑީއޭއިން ވަނީ ޖަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ފަށާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ހިންގޭ ޕްރޮގްރާމެކެވެ. ވޭތުވެދިޔަ ސަރުކާރު ނިމުނުއިރު މާފުށީ ޖަލުގައި 300 އެއްހާ މީހުން ތިބި ޑްރަގް ފަރުވާ ޓާމިނެޓްވެފައި ވެފައެވެ. ކަރެކްޝްނާ އެންޑީއޭ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 45 މީހުން ވަނީ ތަމްރީނު ކޮށްފައެވެ. އޭގެ ތެރެއިން ރައީސްގެ މާފާއެކު 35 މީހަކު މިހާރު ވަނީ އާއްމު މުޖުތަމައަށް ދޫކޮށްލާފައެވެ. އަދި އެ މީހުން ގެންދަނީ ވަޒީފާ އަދާކުރަމުންނެވެ. "މި ޕްރްގްރާމް ވަރަށް ކާމިޔަބު" ޝަމާއު ވިދާޅުވިއެވެ.

[caption id="attachment_48076" align="alignnone" width="1007"] އެންޑިއޭގެ ޗެއާމަން ޝަމާއު އަދި ސީއީއޯ އިމާދުފޮޓޯ: އެންޑީއޭ[/caption]

ޝަމާއު ވިދާޅުވީ ފަރުވާ ހޯދަންދާ މީހުންގެ މައްސަލަ ހުރިވަރު ދެނެގަތުމަށް ބޭނުންކުރާ "ސްކްރީން ޓޫލް" މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ކުރިން ބޭނުންކުރަމުން އައި އެންމެ ޓޫލްއެކެވެ. "އެކަމަކު މިހާރު ބައިނަލްއަގްވާމީ ގިނަ ޓޫލްތަކެއް ދިވެހިބަހަށް ތަރުޖަމާކުރެވި ރާއްޖޭގެ ކޮންޓެންޓަށް ބަދަލުކޮށް އަދި މިހާރު އެޑެޕްޓްކޮށް ބޭނުންކުރަމުން އެބަދޭ" މިހާރު މައްސަލަ ފަސޭހަކާމައެކު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

އެންޑީއޭއިން ގެންދަނީ ނެޝަނަލް ޕޮލިސީއެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިހާރު ވަނީ ނެޝަނަލް ޕޮލިސީ އެންޑް ސްޓްރެޓެޖީއޮން ސަބްސްޓެން ޔޫސް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން އެއް އެކުލަވާލެވިފައެވެ. އެންޑީއޭއިން ހިިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ހުޅުމީދޫ ޑިޓޮކްސް ކެޕޭސިޓީ ގައި މިހާރު 36 މީހަކު ފަރުވާހޯދަމުންދާއިރު ހުޅުމާލޭ ހާފްވޭ ހައުސްގައި 143 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. މާލޭގައި ކޮމިއުނިޓީ ސެންޓާރުގައި 317 މިހާރު ފަރުވާހޯދަމުން އެބަދެއެވެ. މާލޭގައި ހުންނަަ ގަގަން 150 އާ ގާތްކުރާ އަދަދަކަށް މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

ކުރިން މަގުމަތިވެ، ގޮސް ހުސްވެ، ގޮނޑު ހޮވަން ތިބި ކުދިން މިހާރު ނުފެންނާނެއެވެ. އެންޑީއޭގެ އަމާޒަކީ އެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމެވެ. އެ މީހުން ބިއްޖެހި، ގޮތް ހުސްވެ، މާޔޫސްވިޔަ ނުދިނުމަކީ އެންޑީއޭގެ އަމާޒެވެ. އެއީ އެތައް އާއިލާއަކާއި މުޖުތަމައުއަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެކެވެ.